ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވި ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހަޖޫ ޖައްސަވައިފި އެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން އިއްޔެ ރައީސް ސޯލިހާއި މުލިއާގޭގައި ބައްދަލުކުރެއްވީ ނަޝީދު ރައްޔިތުންގެ މަޖިލިސް ހިންގަވާ ގޮތާއި މެދު ހުރި ހިތްހަމަނުޖެހުންތައް ހިއްސާކުރެއްވުމަށެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މުލިއާގެއަށް މަޖިލީހުގެ ބައެއް މެމްބަރުން އިއްޔެ ވަޑައިގެންނެވިކަން ފާހަގަކުރައްވާ ކަމަށާއި އެ ބޭފުޅުން މުލިއާގެ އަށް ވަޑައިގެންނެވީ މެންދުރުގެ ފަރިއްކޮޅަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
”އިއްޒަތްތެރި މެމްބަރުން އެބަ ފާހަގަކުރައްވާ މުލިއާގެއަށް މި ތަނުން މެމްބަރުން ވަޑައިގެންނެވި ކަމަށް. އަޅުގަނޑު ދެކެނީ މެންދުރުގެ ފަރިއްކޮޅަށް ކަމަށް. ދެން އަޅުގަނޑުމެންނަށް ޔަގީން އެހެންވީމަ ގަރުދިޔަ އާއި ބަތާކަން.“ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވި އިރު ދާދިފަހުން ވަނީ ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ކެއުން ގެންގުޅޭ ގޮތް ހާމަކުރައްވާފަ އެވެ. އެގޮތުން މެންދުރު ފަރިއްކުޅުއްވަނީ ގަރުދިޔައާ ބަތް ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު ހެނދުނު ފަށްޓަނީ ހަމަގައިމުވެސް ކަސްރަތުން. 4:45 ގައި ހޭލަން. އެއަށްފަހު، ފަސްގަޑި ބައިހާއިރު ފުރަތަމަ ކަސްރަތު. ހެނދުނުގެ މާ ގިނަ ނާސްތާއެއް އަޅުގަނޑުގެ ނޯވޭ. އޯޓްސް ސްމޫތީއެއް. ދެން ފަޅޯކޮޅެއް ނިމުނީ. އެއީ އަޅުގަނޑުގެ ހެނދުނުގެ ނާސްތާއަކީ. މެންދުރު ގަރުދިޔަޔާއި ބަތާ. ރޭގަނޑު ހަތްގަޑި ބައިގެ ކުރިން އަޅުގަނޑު ކަން. އަޅުގަނޑުގެ ޑައެޓް ދުވާލަށް ނިމުނީ އެ.“ ރައީސް ވިދާޅުވި އެވެ.