އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ނަމަވެސް، އެސްޓީއޯގެ މަސައްކަތްތަކަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް، އެ ކުންްފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ، ނަޝީދާ ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕެއިން ދަތުރުފުޅެއްގައި ގދ. ތިނަދު އަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އަމްރަށް ނުސީދާކޮށް ދެއްވި އިންޒާރެއްގައި ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމަށް އަންނަ ބަދަލަކާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ނުހުއްޓުވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަމްރު ވިދާޅުވީ، ނަޝީދާ އެކު ކެމްޕެއިނަށް ވަޑައިގަތުމުގެ ކުރިން ރައީސް އަރިހު އެ ވާހަކަ ދަންނަވާފައި ވާނެ ކަމަށެވެ. އެސްޓީއޯ އިން ކުރަމުން ދަނީ ގައުމީ މަސައްކަތެއް ކަމަށް ވިދާޅުވެ، އަމްރާއި ރައީސްގެ ހިޔާލު ތަފާތުވި ނަމަވެސް، އެ ކުންފުނިން ކުރަމުންދާ މަސައްކަތްތައް މަޑުޖެހުމެއް ނެތި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފައެވެ.
”އަޅުގަނޑު ރައީސް ނަޝީދާ އެކު ކެމްޕެއިނަށް ދިޔުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަށް އަޅުގަނޑު ދާ ވާހަކަ އާއި، ދާ ސަބަބާއި އަދި ޕާޓީ އެތެރޭގެ އިންތިހާބުގަ ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ދެންނެވިން،“ ހުސައިން އަމްރު | މެނޭޖިން ޑިރެކްޓަރު, އެސްޓީއޯ
ތިނަދު އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ އަށް ކަމަށެވެ. އެ މަޝްރޫއު ނިންމާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ ކުންފުންޏަކުން ފަސްނުޖެހޭނެ ކަމަށާއި، ސިޔާސަތުތައް ތަންފީޒުކުރެވޭ ގޮތަށް ކަންކަން ބަދަލުކުރައްވަމުން ގެންދަވާނެ ކަމަށެވެ.