ޙައްޖަށް މީހުން ގެންދަން ސަރުކާރުން ހުއްދަ ދީފައިވާ ގްރޫޕްތަކުން މާ އަގުބޮޑުކޮށް ޙައްޖަށް ގެންދާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި މި ޝަކުވާތައް ވަރަށް ގިނައިން އާންމުން ކުރަމުން ގެންދާ މި ދަނޑިވަޅުގައި ”މެންދުރު އޮންލައިން“ އަށް މަޢުލޫމާތު ދެއްވި އާންމު ފަރުދަކު ބުނީ އޭނާ ޙައްޖަށް މީހުން ގެންދާ ގްރޫޕަކަށް ފައިސާ ދައްކަން ދިޔުމުން ނަންނޯޓް ކުރެވޭނީ ވެސް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ދެއްކުމުން ކަމަށް އެ ގްރޫޕުން ބުނި ކަމަށެވެ. އަދި މިފަހަރު ޙައްޖަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެވޭނީ ދެ ލައްކަ ރުފިޔާ ދެއްކުމުން ކަމަށް ވެސް އެ ގްރޫޕުން ބުނި ކަމަށް އޭނާ ބުންޏެވެ.
”އަޅުގަނޑު ފައިސާ ދައްކަން ދިޔުމުން އެ ގުރޫޕުން ބުނީ 150،000 ރ. ދައްކައިގެންނޭ ދެވޭނީ. އަދި މި އަހަރު ޙައްޖަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެވޭނީ 2 ލައްކަ ރ. ދެއްކީމައޭ ބުނި.“ އެމީހާ ބުންޏެވެ.
ސަރުކާރުގެ ކުންފުނި ޙައްޖު ކޯޕަރޭޝަންގެ އިތުރު އިސްލާމިކް މިނިސްޓްރީން ތިން ކުންފުންޏަކަށް މި އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވަނީ 75،250ރ. އާ 95،000 އާ ދެމެދުގެ އަގުތަކެއްގައި ގެންދިއުމަށެވެ.
މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ތިން ކުންފުންޏަކީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ، ސިސިލްފަރު ހައްޖު އެންޑް އުމްރާ އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްއެވެ.
އިސްލާމިކް މިނިސްޓްރީން ވަކި އަގެއް ކަނޑައަޅައިފައި ވާނަމަވެސް ބައެއް ގްރޫޕްތަކުން 100،000 އަށް ވުރެ ބޮޑެތި އަގުތައް ކިޔާފައިވާ ކަމަށާ އަދި ބައެއް ގުރޫޕްތަކުން ނޯޓް ކޮށްދެނީ ވެސް 1،00،000ރ. އަށް ވުރެ މަތިން ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ވެސް މީހުން ސޯޝަލް މީޑިއާގައި ވެސް ޝަކުވާ ކޮށް އެވާހަކަތައް ހިއްސާކޮށްފައި ހުރެއެވެ.
މިކަމުގެ ޝަކުވާތައް ސޯޝަލްމީޑިއާގައި ކުރެއްވި އެއްބޭފުޅަކީ ސަރުކާރު ދިފާޢުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އައްޝައިޚް ޢަލީ ޒައިދުއެވެ. ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ޙައްޖު ގުރޫޕްތަކުން، މޭޒުދަށުން 150،00ރ. ނަގާ ކަމުގެ ވާހަކަ އަޑުއައްސަވާފައިވާ ކަމަށެވެ.
މި ޝަކުވާތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.