ހއ. ހޯރަފުށީ ކައިރީގައި އޮންނަ ކުޑަ ކުޑަ ފިނޮޅެއް ފަދަ ރަށެއް ސަރުކާރަށް ނަގަންޖެހިއްޖެ ކަމަށް ބުނެ ރޮޒައިނާގެ ދެމަފިރިންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ ރަށާއި ގިނަ އަދަދެއްގެ ފައިސާ ދޭން ސަރުކާރުން ނިންމައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯރަފުށި ކައިރީގައި އޮންނަ ކުޑަ ކުޑަ ރަށް ރޮޒައިނާގެ ދެމަފިރިން ކުއްޔަށް ނަނގާފައި ވަނީ ޓޫރިޒަމް ރިސޯޓެއް ތަރައްގީ ކުރުމަށް 50 އަހަރަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގައި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވި ނަމަވެސް ރޮޒައިނާގެ ދަމަފިރިންގެ ކުންފުނިން ބަދަލުދޭ ކޮމެޓީގައި ބުނެފައި ވަނީ އެމީހުންނަށް ކުއްޔަށްދީފައިވާ ރަށް ސަރުކާރުން ނަގަން ނިންމާފައި ވަނީ ތަނުގެ ކުރެހުންތަކާއި ޕްލޭންތައް ނިމި ބޭންކުތަކުން ލޯނަން ހުށަހަޅައި އެޕްރޫވަލް ވެސް ލިބުނު ފަހުން ކަމަށް ވުމުން އެކުންފުންޏަށް އިންތިހާއަށް ގެއްލުން ވެފައިވާ ކަމަށެވެ.
އެކުންފުނިން ބަދަލުދޭ ކޮމެޓީގައި އެދިފައި ވަނީ 386 މިލިޔަން ޑޮލަރުގެ ބޮޑު ބަދަލަކަށެވެ. އެހެންނަމަވެސް ބަދަލުދޭ ކޮމެޓީން ވަނީ ކަންކަން ބެއްލެވުމަށް ފަހު ނިންމާފައި ވަނީ 232 މިލިޔަން ރުފިޔާ ދެއްވުމަށެވެ. މިފަދަ ބޮޑު ބަދަލަކަށް ރޮޒައިނާގެ ދެމަފިރިންގެ ކުންފުނިން ހުށަހަޅާފައި މިވަނީ ރިސޯޓް ހިންގައިގެން ލިބޭނެ ކަމަށް ލަފާކުރާ ފައިދާ ވެސް ހިމަނައިގެން ނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޮޒަނާގެ ދެމަފިރިންނަށް ބަދަލުގެ ގޮތުގައި ދިނުމަށް ސަރުކާރުން ނިންމާފައި ވަނީ 2 ރަށާއި މާލެ އަތޮޅުން ފަޅެއްގެ އިތުރުން 30 މިލިޔަން ރުފިޔާ އެވެ.
މައުލޫމާތު ލިބިފައިވާ ރައީސް އޮފީހުގައި އޮންނަ ބަދަލުދޭ ކޮމެޓީން މިގޮތަށް ނިންމާފައި ވަނީ މިވަގުތު ސަރުކާރުގެ ހަޒާނާގައި އެވަރަށް ފައިސާ ނެތުމުންނެވެ.