ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ”ދަ ޑިމޮކްރެކްޓްސް“އަށް ސޮއިކުރައްވައިފި އެވެ.
މާލޭގެ ކާނިވާ ކެފޭގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ކުޅުދުއްފުށި ސިޓީގެ ހުރިހާ ކައުންސިލަރުންގެ ފޯމާ ހަވާލުވެވަޑައިގަތީ ”ދަ ޑިމޮކްރެޓްސް“ގެ މުއައްސިސް ހަސަން ލަތީފް އެވެ.
މިރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ ކައުންސިލަރު އާތިފާ އަލީ މިވަގުތު ލަންކާގައި ހުންނެވުމާ ގުޅިގެން އޭނާ ބައިވެރިވެފައެއް ނުވެ އެވެ. ނަމަވެސް އޭނާވެސް ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައިވާ ކަމަށް ބައެއް ކައުންސިލަރުން ވިދާޅުވެފައިވެ އެވެ.
ކުޅުދުއްފުށި ސިޓީގެ ކައުންސިލަރުން:
މުހައްމަދު އާތިފް (މޭޔަރު)
އަލީ އާދަމު (ޑެޕިއުޓީ މޭޔަރު)
އަހްމަދު އަބްދުﷲ (ކައުންސިލަރު)
ރިލްވާން މުހައްމަދު (ކައުންސިލަރު)
މުހައްމަދު ދާއޫދު (ކައުންސިލަރު)
އައިމިނަތު މަޖީދާ (ކައުންސިލަރު)
އާތިފާ އަލީ (ކައުނސިލަރު)
އެމްޑީޕީގެ ބައެއް ކައުންސިލަރުން ”ދަ ޑިމޮކްރެޓްސް“އަށް ސޮއިކުރަމުންދާއިރު އަދި މިހާތަނަށް އެއްވެސް ކައުންސިލެއްގެ ހުރިހާ ކައުންސިލަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ބައެއް މަދު ކައުންސިލްތަކުގެ މެޖޯރިޓީ މިހާރުވެސް ދަ ޑިމޮކްރެޓްސްއަށް ލިބިފައިވެ އެވެ.
ކުޅުދުއްފުށްޓަކީ އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެހެންކަމުން މިއީ ކުޅުދުއްފުށި ކައުންސިލެއްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.
ކުޅުދުއްފުށީގައި މި ސަރުކާރުން ވައުދުވެ ކުރަން ބުނި ކަންކަން ކުރިއަށް ނުދާ ކަމަށް އެ ސިޓީގެ މަޖިލިސް މެންބަރުންނާއި މޭޔަރު މީގެކުރިން ތަކުރާރުކޮށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.