ދަ ޑިމޮކްރަޓްސްއަށް ސޮއި ކުރި މީހުންގެ ލިސްޓެއް ހޯދައިގެން, އެ ފަރާތްތަކަށް ގުޅާ ސޮއި އަނބުރާ ގެންދިއުމަށް އިންޒާރު ދެމުން އަންނަ ކަމަށް އެ ޕާޓީން ތުހުމަތުކޮށްފިއެވެ.
މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގައި އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މުޙައްމަދު ޝިފާޒް, ޝިއްޕެ ވިދާޅުވީ, ސަރުކާރުން ވަނީ އެ ޕާޓީ މެންބަރުންގެ ލިސްޓް އާއްމު ކުރުމުގެ ކުރިން އެ ލިސްޓް އިލެކްޝަން ކޮމިޝަނުން ހޯދާފައި ކަމަށެވެ. އަދި އެ ޕާޓީއަށް ސޮއި ކުރި ފަރާތްތަކަށް ސަރުކާރުގެ މިނިސްޓަރުންގެ ލެވެލްއިން ފެށިގެން, ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް ގުޅާ, އިންޒާރު ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
”އިލެކްޝަން ކޮމިޝަނަށް އާއްމު ސިޔާސީ ޕާޓީއަކަށް ބައިވެރިވާން ހުށަހެޅީމަ, އޭނައަކީ ކާކުތޯ ބަލާ, އޭނަ އެއީ ސަރުކާރުގައި ވަޒީފާ އަދާކުރާ މީހެއްތޯ, އޭނާ އެބައޮތްތޯ ގޯއްޗަކަށް ސިޓީ ލާފައި, އޭނާ އެެބައޮތްތޯ ފްލެޓަކަށް ލާފައި, ބެލުމަށްފަހު މިއިން ކަމެއްގައި ކިރިޔާ ވެސް ޝާމިލްވާ ބޭފުޅެއްވެއްޖިއްޔާ, އަދި އޭނާގެ އާއިލާގެ މީހެއް ޝާމިލްވި ނަމަވެސް ސަރުކާރުގެ އޮފިޝަލެއް އެ މީހުންނަށް ގުޅާފައި އެބަ ބިރު ދައްކާ” ޝިއްޕެ ވިދާޅުވީ ޑިމޮކްރެޓްސްގެ މެންބަރުކަމުގެ ވެރިފިކޭޝަނަށް ގުޅުމުން ޕާޓީއަށް ވަނުމަށް ނޭދޭ ކަމަށް ބުނުމަށް ސަރުކާރުގެ އޮފިޝަލުން އާއްމު މެންބަރުނަށް އަންގަމުންދާ ކަމަށެވެ.
”އިލެކްޝަން ކޮމިޝަންގެ ވެރިފިކޭޝަނަށް ރިޕްލައި ކުރަން އަންގަނީ ސަރުކާރުގެ ބޭފުޅުން, ތިޔައީ ތިމަންނާމެނަށް ނޭނގި އެ ބޭފުޅުން ކުރި ކަމެކޭ”
ޝިފާޒް ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުގެ އޮފިޝަލުންނަށް އެ ލިސްޓް ލިބިވަޑައިގަތީ ނުފޫޒުން ކަމަށެވެ. “އިލެކްޝަނުން އެބަ ވިދާޅުވޭ އެ ބޭފުޅުންގެ ސައިޓަކަށް އާއްމެއް ނުކުރައްވަމޭ ލިސްޓެއް”
އޭނާ އިތުރަށް ވިދާޅުވީ, ސަރުކާރުން ކުރާ މިފަދަ ކަންކަމުގެ ސަބަބުން މުޅި ދައުލަތަށް އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށެވެ.
“ސަރުކާރެއްގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ނެރެމެންދާ ގަޑީގައި, ދައުލަތުގެ އިތުބާރު ގެއްލުވާލުން އެއީ ކީއްކުރަން ކުރާ ކަމެއް ބާއޭ. ސަރުކާރަށް އިތުބާރު ނެތްތަނުގައި މިނިވަން މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލުމަށްޓަކައި ކީއްކުރަން ކުރާ މަސައްކަތެއް ބާއޭ. މާދަމާ އެ ލިސްޓެއް އާއްމު ކުރަންދެން މަޑުކޮށްލުނު ތާއޭ.”
މިމަހުގެ އެއްވަނަ ދުވަހު ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ ތިން ހާސް ފޯމް ވަނީ އިލެކްޝަނަށް ހުށަހަޅާފައެވެ. އިލެކްޝަނުން އެ ފޯމްތައް ހަތް ދުވަސް ތެރޭ ވެރިފައި ކުރާނެއެވެ. އަލަށް ހެދި ޤަވާއިދުގެ ދަށުން ޕާޓީއާ ގުޅުނު ފަރާތްތަކުގެ ފޯނަށް ވެރިފިކޭޝަން މެސެޖެއްދާނެއެވެ.