ފިނޭންސް މިނިސްޓްރީއިން އިއްޔެ ވަނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދައުލަތުން ކޮށްފައިވާ ހަރަދާއި ލިބިފައިވާ އާމްދަނީގެ ތަފާސްހިސާބުތައް އާއްމުކޮށްފައެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން ބަޖެޓްގެ އެންމެ ބޮޑު ބައެއް މިހާތަނަށް ހަރަދުކޮށްފައި ވަނީ އެންމެ ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ޕްލޭނިން މިނިސްޓްރީއިންނެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް އެ މިނިސްޓްރީން 5.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މި އަހަރަށް އެ މިނިސްޓްރީއަށް މުޅި ޖުމުލަ ކަނޑައަޅާފައި އޮތީ 5.3 ބިލިއަންގެ ބަޖެޓެކެވެ.
މިނިސްޓްރީގެ ބަޖެޓްގައި ދެން ބާކީ އޮތީ 113 މިލިއަން ރުފިޔާއެވެ. އެ ބަޖެޓްގެ 97.7 އިންސައްތަ ވަނީ މިހާރު ވަނީ ހަރަދުކޮށްފައެވެ.
ޕްލޭނިން މިނިސްޓްރީއިން މި އަހަރުގެ މިހާތަނަށް 5.2 ބިލިއަން ރުފިޔާހަރަދުކޮށްފައިވާއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި ވަރަށް ވުރެ 2 ބިލިއަން ރުދިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ މިނިސްޓްރީން ހަރަދުކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާއެވެ.
ޕްލޭނިން މިނިސްޓްރީއަށް މި އަހަރަށް ކަނޑައެޅި ބަޖެޓް ގާތްގަނޑަކަށް ހުސްވެފައިވާއިރު މި ސަރުކާރުން ފަށާފައި ހުރި ގިނަ މަޝްރޫއުތައް އަދި ހުރީ ނުނިމިއެވެ. އަދި ސަރުކާރުން ފަށަން ބުނި އެތައް ޕްރޮޖެކްޓެއްގެ މަސައްކަތް އަދި ނުވެސް ފެށޭކަންވެސް ފާހަގަކޮށްލެވެއެވެ.