ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމިގައި މި ގައުމު ދަރާފައިވާ ކަމަށް ވާދަވެރިން ބުނަމުން އަންނާތީ, އިކޮނޮމިކް މިނިސްޓަރު ބަގުރޫޓް ފައްޔާޒު އިސްމާއިލް ރޭ އެކަމަށް ރައްދު ދެއްވައިފިއެވެ.
މިހާރު ޑޮލަރުގެ އަގު އިންތިހާއަށް މައްޗައް ގޮސްފައިވާއިރު އެމްޑީޕީން ވެރިކަމާ ހަވާލުވުމާއެކު ވާދަވެރިން ދެއްކި ވާހަކަ އަކީ މި ގައުމު ދަރައި ބަގުރޫޓްވުމާ ގާތަށް އަންނަ ވާހަކަ ކަމަށާއި ނަމަވެސް މި ފަސް އަހަރު ނިމުނު އިރު ވެސް ގައުމު ނުދަރާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ކޮންމެ މަހަކު ވެސް ސަރުކާރު އޮންނަނީ ބަގުރޫޓްވެ ދަރާފައި ކަމަށް ވާދެވެރިން ބުނަމުން ދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ބަގުރޫޓް ފައްޔާޒު މިގޮތަށް ބުނާ އިރު މުދަލާއި ހިދުމަތުގެ އަގު އުޅެނީ އިންތިހާއަށް މަތީގަ އެވެ.
”މިހާރު މި ކިޔަނީ 2026 ގަ އަނެއްކާ ދަރާ ވާހަކަ. އާދެ. ނުދަރާ އަޅުގަނޑުމެނެއް އަދިވެސް. ކޮވިޑް ވެސް އައިސްސަ ދިޔައީ އަޅުގަނޑުމެނެއް ނުދަރާ އަދި ކުރިއަށްވުރެ މާ ވަރުގަދަ އިގްތިޞާދަކަށް މިހާރު މި އިގްތިޞާދު މި އޮތީ ބަދަލުވެފަ,“ އެމްޑީޕީގެ އިގްތިޞާދީ މެނިފެސްޓީ އިއުލާނު ކުރުމަށް ސޯސަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވިއެވެ.
ގައުމު ދަރާ ވާހަކަ ދައްކާއިރު, ދަރަނިވެރިވިޔަ ނުދީ ހިފެހެއްޓުމަށް އެ ބޭފުޅުން ގެންގުޅޭނެ ސިޔާސަތުތަކެއް ވާދަވެރިންނަށް ބުނެނުދެވޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
”އަޅުގަނޑުމެން މި ދަންނަވަނީ ފުރަތަމަ ކަމަކަށް ނުދަރާނެ އޭ. ނުދަރާ މި ގައުމު ކުރިިއަށް ބާރަށް ގެންދެވޭނީ ވެސް ރައީސް ޞާލިހާ އެއްކޮށް އަޅުގަނޑުމެންގެ ކޯލިޝަނާ އެއްކޮށް,“ އެމްޑީޕީގެ ޗެއާޕާސަންކަން އަދާކުރައްވަމުންދާ ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ މެނިފެސްޓޯ މިރޭ އެއްކޮށް އިއުލާނުކޮށް ނިންމާފައިވާކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ, އެ މެނިފެސްޓޯގައި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނާނެ ސިޔާސަތުތައް ހިމަނާފައިވާނެ ކަމަށެވެ. އެ ސިޔާސަތުތަކީ ގްރޫޕެއް އެއްކޮށް ރިސޯޓެއްގައި ތިބެ ހުށަހެޅި އެއްޗެއް ނޫންކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ވާދަވެރިންނަށް ރައްދު ދެއްވާފައެވެ.
އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ ވަރަށް ގިނަ ދިރާސާތަކެއް ހެދުމަށްފަހު ވޭތުވެދިޔަ ފަސް އަހަރު ވެރިކަމުގައި ތިބެ ކުރި ތަޖުރިބާގެ އަލީގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒަކީ ހަޔާތުގައި ކުރެއްވި ހުރިހާ ވިޔަފާރިއެއް ބަގުރޫޓްވެ އިނދަޖެހިފައިވާ ފަހުލަވާނެ ކެވެ.