ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވައުދު ފުއްދާ ބޭފުޅެއްކަން ރައްޔިތުން ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (އިބުޓީ)ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެ މަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތަކެއް އަޅުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީީސް ވިދާޅުވީ އެފަދަ ދޮގުތައް ފަތުރަންކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެފަދަ ވާހަކަ ފަތުރަނީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވައިދެއްވާނެކަން ޔަގީންވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”އެކި ކަހަލަ ދޮގު ހަދަމުންދަނީ. ދެން އަޅުގަނޑު ބޮލުގައި ދޮގު އަލުވަން އުޅެއުޅެ އެޅުވޭގޮތެއް ނުވޭ. އަޅުގަނޑަކީ ވައުދެއް ވެއްޖެނަމަ ތެދުބަހުން ވާހަކަ ދައްކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު [ވައުދު] ފުއްދާ މީހެއްކަން ރައްޔިތުން އެބަ ގަބޫލުކުރޭ،“ ރައީސް ވިދާޅުވި އެވެ.
ރައީީސް ވިދާޅުވި ގޮތުގައި އެފަދަ ވާހަކަތައް ފަތުރަންކުރާ މަސައްކަތް ކާމިޔާބުނުވުމުން އިދިކޮޅުން އާންމުކޮށް ބޭނުންކުރާ އުކުޅު ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން މޭޔަރު އިންތިހާބުގައި ވެސް އެންމެ ފަހު ވަގުތު ގޮތް ހުސްވެގެން އެ މަނިކުފާނުގެ އަބުރު ކަތިލިކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް މާލޭގެ ރައްޔިތުން އެކަން ގަބޫލު ނުކުރާ ކަމަށާއި، އަދި އެ މަނިކުފާނު ހާޒިރުކޮށް އެކި ކަހަލަ މައްސަލަތަކުގައި ސުވާލު ކުރައްވައި، ޝަރީއަތްކުރުމުން ވެސް އެއްވެސް ކަމެއް ސާބިތުވެފައި ނުވާ ކަމަށް ރައީީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދެރައެއް ލިބޭނެ ކަމެއް، އަދި ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ވެސް ދުވަހަކު ވެސް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމުގަ އެވެ. އަދި އިދިކޮޅުން ދޮގު ވާހަކަ ފެތުރި ވަރަކަށް ބޭޒާރުވާނީ އެ ފަރާާތައް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.