ބޮޑު ނާކާމިޔާބީއަށް ފަހު ފައްޔާޒާއި ޝާހިދުގެ އިސްތިއުފާއަށް ގޮވަން ފަށައިފި
ދެންމެ | 22 އޭޕްރިލް 2024

އެމްޑީޕީއަށް މިހާތަނަށް އާންމު އިންތިހާބެއްގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީގެ ވޯޓު ގުނަމުން އަންނައިރު, އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ރައީސް އަބުދުﷲ ސާހިދު އިސްތިއުފާ ދެއްވަންޖެހޭނެކަމަށް އެ ޕާޓީގެ ބައެއް އާންމު މެންބަރުން ބުނަންފަށައިފިއެވެ.

 

އާންމު މެންބަރުން ބުނަމުން ގެންދަނީ އެމްޑީޕީގެ އެތެރޭގައި އެތައް ގަޑުބަޑެއް ފައްޔާޒު ހަދައިގެން މުޅި ޕާޓީ “ރޫޅިގެން ދިއުމުމުގައި” ފައްޔާޒުގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ.

 

“މި ނަތީޖާއިން ސާބިތުވަނީ ފައްޔާޒު ފެއިލްވެއްޖެކަން. ޕާޓީ ދެން ވެސް ސަލާމަތް ކުރުމަށް ވަގުތުން ވަގުތަށް ފައްޔާޒު އިސްތުފާ ދޭންޖެހޭ,” މި މައްސަލައިގައި ނުރުހުން ފާޅުކުރި މީހަކު ބުންޏެވެ.

 

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުން ދުރުކުރުމަށްފަހު އެމްޑީޕީން މަޖިލީހުގެ ރައީސްގެ ގޮތުގައި ހަމަޖެއްސި މުހައްމަދު އަސްލަމް ވެސް ވަނީ މި އިންތިހާބުން ފެއިލްވެ ވަޑައިގެންފައެވެ.

 

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވެރިންކަންކުރާ ޕީއެންސީއަށް ވަނީ 70 ގޮނޑި ކާމިޔާބު ކުރެވިފައެވެ. އަދި އެމްޑީޕީއަށް ކާމިޔާބު ކުރެވުނުކަމަށް ފެންނަނީ އެންމެ 12 ގޮނޑިއެވެ. އަމިއްލަ 7 މެންބަރުންނަށް ގޮނޑި ކާމިޔާބު ކުރެވުނުކަމަށް ވަގުތީ ނަތީޖާ ދައްކާއިރު, އެމްޑީއޭ އިން ވަނީ ދެ ގޮނޑި ކާމިޔާބު ކޮށްފައެވެ. ޖޭޕީއަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވާއިރު, އެމްއެންޕީން ވެސް ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!