މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ސަސްޕެންޝަން އުވާލައިފި
ދެންމެ | 24 އޭޕްރިލް 2024

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޕީސީބީން ބަލަމުންދާ މައްސަލައެއްގަައި ޝަމާހު 14 ދުވަހުގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތު ތަކުން ސަސްޕެންޑް ކުރީ މާރިޗު 18 ގައެވެ. އެ މުއްދަތު ހަމަވުން އޭގެ ފަހުން އިތުރު 7 ދުވަސް ޕީސީބީން ވަނީ ޝަމާހުގެ ސަސްޕެންޝަން އިތުރުކުރިއެވެ.

 

މިފްކޯއިން މިއަދު ބުނީ ސީއީއޯގެ ސަސްޕެންޝަން އުވާލިކަން ޕީސީބީން އެންގުމާ އެކު ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް އޮފީހަށް ނުކުންނަވާފައިވާކަމަށެވެ. އެ ކުންފުނީގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމަށް އުފެއްދި އިންޓަރިމް ކޮމިޓީ މިހާރު ވަނީ އުވާލައިފައެވެ.

 

ހަރަދުތަކަށް ނުބަލާ، ޒާތީ މަސްލަހަތު އިސްކޮށް މުވައްޒަފުންނަށް ބިރު ދައްކަމުން މިފްކޯ ހިންގާ ކަމަށް ތުހުމަތު ސަމާހު މައްޗަށް އުފުލިފައެވެ. އަދި އެކަން އެގޮތަށް ކުރާނަމަ އެކަން ހުއްޓާލުމަށް މީގެ ކުރިން ޕީސީބީން ވަނީ އަންގާފައެވެ.

 

ޝަމާހުގެ މައްސަލާގައި އޭނާ އާއި ޕީސީބީ ވަނީ މަޖްލީހުގެ އެސްއޯއީ ކޮމެޓީއަށް ހާޒިރުކޮށްފައެވެ. ކޮމެޓީގައި ވާހަކަދައްކަމުން ޝަމާހު ވިދާޅުވީ އޭނާ އާއި ގުޅޭ މައްސަލަތަކެއް ފެންމަތިކޮށްގެން އުޅެނީ ޒަމާނުންސުރެ މިފްކޯގައި ހިންގާ ކޮރަޕްޝަންތައް ނައްތާލުމަށް ފިޔަވަޅު އަޅަމުންދާތީކަމަށެވެ. އަނެއްކޮޅުން ޕީސީބީން ބުނީ ޝަމާހުއާ ގުޅޭ ކިތާބީ ހެކިތައް ލިބިފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!