ބިލެތަކީ ފަތްޕިލާވެލީގެ ތެރެއިން ފާހަގަ ކޮށްލެވޭ ބާވަތެކެވެ. ނަމަވެސް އަހަރުމެން ދިވެހިން ބިލެތް ބޭނުން ކުރަނީ ދުފަން އެކަންޏެވެ.
ނަމަވެސް ރާއްޖޭން ބޭރުގައި ހާއްސަކޮށް އަވަށްޓެރި އިންޑިއާ އާއި ސްރީ ލަންކާ ފަދަ ސައުތު އޭޝިއާގެ ގައުމުތަކުގައި ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރަން ވެސް ބިލެތް އާންމުކޮށް ބޭނުން ކުރެ އެވެ.
ބިލެތަކީ އިސްތަށި ފޭބުމުން ދުރުކޮށްދޭ އެއްޗެކެވެ. އަޔުރްވޭދާއިން ހާމަކޮށްފައިވާ ގޮތުގައި ބިލެތް ބޭނުންކޮށްގެން އިސްތަށި ފޭބުން ހުއްޓުވިދާނެއެވެ. މިކަން ކުރުމަށް ބިލެތާއި ކާށި ތެޔޮ އެއްކޮށްފައި މުގުރާލާށެވެ. އަދި ބޮލުގެ އެތެރޭގައި އެއްކޮށް ހާކާލާފައި އެއް ގަޑިއިރު ބަހައްޓާށެވެ. ދެން ޝޭންޕޫކޮޅެއް ލާފައި ދޮވެލާށެވެ.
ބިލެތުން ހަށިގަނޑުގައި ހުންނަ ފާރުތައް އަވަހަށް ރަނގަޅުވެސް ކޮށްދެއެވެ. އެގޮތުން ހަލާކު ވެފައިވާ ތަނެއްގައި ބިލެތްގަނޑު ހާކާލުމަށްފަހު ބަންދު ކޮށްފައި ބެހެއްޓުމަކީ އަވަހަށް ފާރުތައް ރަނގަޅު ވުމަށް އެހީވެދޭ ކަމެކެވެ.
ފައިގެ ފުންނާބު ފަޅައިގެން ދިއުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. މިހެން ދިމަވަނީ ހިރަފުހުގެ ސަބަބުންނާއި އާންމުކޮށް ހަމުގެ މައްސަލަތައް ހުންނަ މީހުންނަށް ކަމަށް ދިރާސާތަކުން ދައްކައެވެ.
ފުންނާބު ފަޅައިގެން ދާ ނަމަ ބިލަތް ފުނޑާފައި ފަޅައިގެން ގޮސްފައިވާ ހިސާބުގައި އެޅުމުން ދެ ދުވަސް ނުވަތަ ތިން ދުވަސް ތެރޭގައި ރަނގަޅު ވެއެވެ.