މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ސަރުކާރުން ހަދާ ތިލަމާލެ ބްރިޖް ތަންބުތައް އެންމަފހުން ފެނުން މައްޗަށް ހިއްލާލައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ނާޝިދު ވަނީ ބްރިޖުގެ މަސައްކަތުގެ އެންމެފަހު މަންޒަރުތައް ދައްކާލާފައެވެ. އެ ފޮޓޯތަކުން ބްރިޖުގެ ތިން ތަނބުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ތަން ފެނެއެވެ. ނާޝިދު ވިދާޅުވީ ތިލަމާލެ ބުރިޖު މަސައްކަތުގެ ސްޕީޑް ހުރީ ތާވަލާއަޅާ ބަލާއިރު %1.33 ކުރީގައިކަމަށެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. އަދަި ބްރިޖުގެ މަސައްކަތް ސެޕްޓެމްބަރު 2026ގެ ނިޔަލަށް ނިންމާލެވޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިނިސްޓްރީން މީގެ މަހެއްގެ ކުރިން އެންމެ ފަހުން އާންމުކުރި ތިލަމާލެ ބްރިޖުގެ މައުލޫމާތުގައިވާ ގޮތުން، ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 58 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ. ޕައިލް ކެޕިންގެ 43 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު ޕިއާ ކޮލަމްގެ 40 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.
މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު ސުޕަ ސްޓްރަކްޗާގެ ޕްރީ ކާސްޓިން މަސައްކަތުގެ 24 ޕަސެންޓް މަސައްކަތް ވަނީ ނިމިފައިކަމަށާއި މަޝްރޫއުގެ މަސައްކަތާއި އަލަށް އެކުލަވާލި މަސައްކަތާ އަޅާބަލާއިރު މިހާރު ޕްރޮގްރެސް ހުރީ 1.11 ޕަސެންޓް ކުރީގައި ކަމަށް އޭރު މިނިސްޓްރީން ބުނިއެވެ.
މިހާރު ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ފެބްރުއަރީ އަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެ ކަމަށް ކުރިން ވެސް ބުނެފައިވެއެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.
މިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ފެށި ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.