ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވައި، ދިވެހިންނަށް މިނިވަންކަން ގެނެސްދެއްވީތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ރައީސަށް ޝުކުރު އަދާކުރައްވައިފަ އެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން ދިޔަތަން ފެނުމުން ރޮވުނު ކަމަށެވެ.
“އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން ދިޔަތަން ފެނުމުން އަޅުގަނޑަށް ރޮވުނު، އެއީ އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބި ގޮތް ރައީސް ވިދާޅުވި ގޮތަށް މިއަދު ދިވެހި އަސްކަރިއްޔާއިން ގައުމު ހިންގާ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގައުމުގެ ދިދަ ބާރަށް އަމަންއަމާންކަމާއެކު ވިހުރުވޭނެ ފުރުސަތު ހޯއްދަވައިދެއްވީތީ ޝުކުރު ދަންނަވަން.” ޖާބިރު ވިދާޅުވިއެވެ.
އިންޑިއާ ފަދަ ބޮޑު ގައުމަކާއި ގުޅުން ހުރި މައްސަލަ އެހާ ރީތިކޮށް ހައްލުކުރެއްވުމުން ރައީސް އަކީ ބަތަލެއްކަން ސާބިތުވެގެންދާ ކަމަށް ޖާބިރު ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ރައީސް މުއިއްޒަކީ ދިވެހިރާއްޖޭގެ އަސްލު ބަތަލު ކަމުގައި ޖާބިރު ވިދާޅުވެ، ރައީސަށް ބޮޑަށް ތައުރީފުކުރައްވައިފި އެވެ.
“ދިވެހިރާއްޖޭގެ އިއްޒަތްތެރި، ޤަދަރުވެރި ވެރިޔާ ވަލިއްޔުލްއަމްރު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ކުރެއްވި ވައުދު ފުއްދަވާ އަދި ދިވެހިރާއްޖޭގެ ރައްޔިތުން މިނިވަންކަންމަތީގައި އާޒާދުކަންމަތީގައި މިނިވަންކަން ގެނައި ބަތަލަކީ ރައީސް ޑރ. މުއިއްޒު ކަމަށް ހިތުގެ އަޑިން ޤަބޫލުކޮށްފިން.” ޖާބިރު ވިދާޅުވިއެވެ.
ޖާބިރަކީ 25 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަވައިގެން ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އޭނާ ކުރިން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވި ނަމަވެސް، މަޖިލީހުން އެކަން ބަލައި ނުގަތް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ވިހި ވަނަ މަޖިލީހަށް ޖާބިރު ވާދަކުރެއްވި ނަމަވެސް، ކާށިދޫ ދާއިރާ ކާމިޔާބުކުރެއްވީ ޕީއެންސީގެ މުންތަޒިމް އިބްރާހިމެވެ.