ކަލާ ބޮޑު ވެއްޖެ ތަ!
ދެންމެ | 17 މެއި 2024

ކުޑަކުއްޖަކު އެވެނި ކަމެއް، މިވެނި ކަމެއް ކޮށްފިކަމުގެ ހަބަރުތައް މިހާރަކަށް އައިސް ގިނަވެއްޖެއެވެ. މުޅި ދުނިޔޭގައިވެސް ގިނައެވެ. މި ދިވެހިރާއްޖޭގައިވެސް މަދެއް ނޫނެވެ. މިފަދަ ހަމަ ކޮންމެ ކަމަކާއި ގުޅިގެން ކުޑަކުދިންތޯ ނުވަތަ ބޮޑެތިމީހުންތޯ ސުވާލު އުފައްދާ، ބޮޑެތި ބަހުސްތައް ކުރެވެއެވެ. މީސްމީޑިޔާގައި އަދި ވަކިން ގަދައަށް މިފަދަ ބަހުސްތައް އެކި ސިފަ ސިފައިގާ ކުރެވިފާ ހުންނާތީ ދެކެމެވެ. އެހެންކަމުން އިންސާނާގެ ފިޠުރަތާއި ޠަބީއަތުން، އިންސާނާ ބޮޑު މީހަކަށް ހަދައިދެނީ ކިހިނެއްކަން ބަލާލަމާ ހިނގާށެވެ.

 

އިންސާނާ، ތަކުލީފު ލިބިގެންވާ ބޮޑު އިންސާނަކަށް ޠަބީއީ ގޮތުން ހަދައިދެނީ އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކަކުންނެވެ. އެއީ ހަގީގަތުގައި ވަކި އުމުރެއް ”ލިޔެވިފައި“ ވާ ކަމެއް ނޫނެވެ. އެއީ އިންސާނާ ބާލިޣު ވުމެވެ. އެހެންކަމުން ބާލިޣުވާ އިންސާނާ ތަކުލީފުލިބިގެންވާ ބޮޑު މީހަކަށް ވާ ސަބަބުތަކަށް ބަލައިލުން މުހިންމެވެ. އިންސާނާގެ ހަށިގަނޑަށާއި ހިއްސުތަކަށް އަންނަ ތަފާތަކީ މިކަމުގައި އެންމެނަށްވެސް ދަންނަ ކަންކަމެވެ. ނަމަވެސް އަޅުގަނޑުމެންގެ ގިނަ މީހުންނަށް ނޭގޭ ވަރަށްބޮޑު ކަމެއް ވެއެވެ. އެއީ އިންސާނާ ބާލިޣުވަނީ ނުވަތަ ތަކުލީފުލިބިގެންވާ ބޮޑުމީހަކަށް ވަނީ ސިކުނޑީގެ ތިން ތަސައްރަފު ފުދުމަކުންކަމެވެ.

 

އެހެނީ އިންސާނާ ބާލިޣު ވުމުގެ ކުރިން އިންސާނާގެ ސިކުނޑި ތެރޭގެ ތިން ބަޔަކުން، ތިން މަސައްކަތެއް ކުރެއެވެ. އެގޮތުން ޕީނިއަލް ގްލޭންޑް ނަމަކަށް ކިޔާ ތަނުން އުފައްދާ މެލާޓޮނިން ނަމަކަށް ކިޔާ ހޯމޯންގެ މިންވަރު މަދުވެއެވެ. އޭގެ ސަބަބުން ސިކުނަޑީގެ އެހެން ބައެއް ކަމަށްވާ ހައިޕޮތަލަމަސް އިން ”ގޮނޯޑޯޓްރޮފިން ރިލީސިން ހޯމޯން“ ނަމަކަށް ކިޔާ ހޯމޯނެއް އުފައްދައެވެ. މެލާޓޮނިން އަކީ މި ދެންނެވި ހޯމޯން އުފެދުމަށް ހުރި ހުރަހެއް ކަމަށް ބައެއް ދިރާސާވެރިން ދެކިލައްވައެވެ. އެހެންކަމުން މެލާޓޮނިން މަދުވުމުން ”ގޮނޯޑޯޓްރޮފިން ރިލީސިން ހޯމޯން“ އުފެދެން ފަށައެވެ. އޭގެ ސަބަބުން ޕިޓިއުޓަރީ ގްލޭންޑް ނަމަކަށް ކިޔާ ސިކުނޑީގެ ބަޔަކުން އިތުރު ދެ ހޯމޯން އެއް އުފައްދައެވެ. އެއީ ”ފޮލިކިއުލާ ސްޓިމުލޭޓިން ހޯމޯން“ ނަމަކަށް ކިޔާ ހޯމޯނަކާއި ”ލޫޓިނައިޒިން ހޯމޯން“ ނަމަކަށް ކިޔާ ހޯމޯނެވެ. މި ތިން މަރުހަލާ ކަޑައްތު ކުރަނީ އިންސާނާގެ ސިކުނޑީގައެވެ. އެއަށްފަހު މި ދެ ހޯމޯން ލޭގެ ތެރެއިން އެ ހޯމޯން ތަކުގެ މަންޒިލަށް ވާސިލުވެއެވެ. އެހިސާބުން އިންސާނާގެ ހަށިގަނޑުން އެ ބަދަލުތަށް ފެންނަން ފަށައެވެ. އާދެ އިންސާނާ ބާލިޣުވެދެއެވެ. ނަމަވެސް މިކަމުގައި ހާއްސަ ކަމެއް ނުވަތަ ތަފާތުކަމެއް ލިބިގެންވާ ބަޔަކު އުޅެދާނެއެވެ. އެއީ ސިއްހީގޮތުން ކޮންމެވެސް މައްސަލައެއް އުޅޭ މީހުންނެވެ. މިފަދަ މީހުން، އާއްމުކޮށް މި ބުނާ ދަރަޖައަށް ފެތިގެނެއް ނުދާނެއެވެ.

ސިކުނޑީގެ ތިން ތަސައްރަފު ފުދުމަކާއި އެކު އިންސާނާ ތަސައްރަފު ފުދިގެންދަނީ އެ އިންސާނާގެ ނަފްސާނީ ގާބިލުކަންވެސް އެމޭރުމުން ފައްކާވަމުންނެވެ. މިއީ ދުނިޔޭގައި ކަން ހިނގާގޮތެވެ. މިއީ އިންސާނީ ފިޠުރަތެވެ. މިއީ އިންސާނާގެ ޠަބީއަތްވެސް މެއެވެ. ވީ އިރު، ސިކުނޑީގެ މި ތިން ތަސައްރަފު ފުދުމާއި އެކު، ތަސައްރަފު ފުސިފައިވާ އިންސޒަނާގެ ސިކުނޑީގައި ތެތްކަމެއް ހުންނާނެއެވެ. ވިސްނާ ފިކުރު ކުރުމުގެ ކުޅަދާނަކަމާއި ގާބިލުކަން ހުންނާނެއެވެ. އަމިއްލައަށް ގޮތް ނިންމުމުގެ ކުޅަދާނަކަންވެސް ހުންނާނެއެވެ. މި ކުޅަދާނަކަން ހުއްޓެއްކަމަކު، ބޭނުން ކުރަން އެނގުމާއި ބޫނުން ކުރުމަކީވެސް އެ އިންސާނާގެ އިހްތިޔާރުގައިވާ ކަމެކެވެ. އަދުގެ މިޒަމާނުގައި އިންސާނާ ބާލިޣުވިއެއް ކަމަކު، އެއީ އަދި ތަކުލީފުލިބިގެންވާ އިންސާނެއް ކަމަށް ނުދެކެނީ މިފަދައިން އެ ކުޅަދާނަކަމުގެ ބޭނުން ހިފަން ނޭނގޭނޭ ކަމަށް ދެކިއެވެ. ނަމަވެސް އެބުނާ ބޮޑެތި މީހުންނަށް ވާ އުމުރުގެ މާ ހަގު އިންސާނުންވެސް، އެއްކަލަ ކުޅަދާނަކަމުގެ ބޭނުން މާ ފުރިހަމައަށް ހިފާތީ އެބަ ފެނެއެވެ. މިހުންނަނީ މިއަދު އަހަރެމެން ވިސްނަން ޖެހޭ ވަރަށް ހައްސާސް ކަންކަމެވެ.

 

ކޮންމެއަކަސް ބޮޑެތިމީހުންނާއި ކުޑަކުދިންގެ ތަފާތު މިއޮތީ ސާފުކޮށް ފެންނާށެވެ. ބޮޑުމީހާ ބޮޑުވާ ގޮތާއި ކުޑަކުއްޖާ ކުޑަވަނީ ކީއްވެގެން ކަމެވެ. މިއީ އިންސާނެއްގެ ޠަބީއަތުން މިކަން ހިނގާ މަގެވެ. ނަމަވެސް އެކަމުގެ ތެރެއަށް ދުނިޔެވީ އެތައް ކަމެއް އަހަރެމެން ތަދައްހުލުކޮށް، ބޮޑެތިމީހުންނާއި ކުޑަކުދިން ވަކިކުރާ ކުރުން ގަޑުބަޑުކޮށްފިއެވެ. ދުނިޔެވީ މިކަންކަމަކީވެސް ރިއާޔަތްކުރުން ރަނގަޅު ކަންކަމެވެ. ނަމަވެސް ހުރިހާ ހާލަތެއްގައި މިކަންކަމުގައި ހިފައިގެން މުޖުތަމައުތަކަށް ހައްލެއް ލިބުން ވާނީ ނާދިރު ކަމަކަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!