ބޯ ތަލަ ވީމަ ލަދު ގަނޭތަ!
ދެންމެ | 25 މެއި 2024

ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ އުނދަގުލެކެވެ. ބައެއް ފަހަރު މިއީ އާއިލީ ނުވަތަ ވިރާސީ ކަމަކަށް ވެއެވެ. އަނެއް ބައި ފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ސަބަބުން އިސްތަށި ފައިބާގޮތް ވެއެވެ. އަދި ތިމާ ދިރިއުޅޭ މާހައުލުގައި ހުންނަ ކަމެއްގެ ސަބަބުން ވެސް ބޮލުން އިސްތަށި ފައިބާގޮތް ވެދާނެއެވެ. އަދި އެހެންމެ ވަރަށް ގިނަ ބަލިތަކުގެ ސަބަބުން ވެސް އިސްތަށި ފައިބާގޮތް ވެއެވެ.

 

އިސްތަށި ފައިބަން ދިމާވާ ބައެއް ސަބަބުތައް.

 

ވިޓަމިން ޑީ މަދުވުން:

ގޭގައި މާ ގިނަ ދުވަސް ވަންދެން އަތްވަށް ނުނުކުމެ ހުރެއްޖެނަމަ އެހެން ނޫނީ ބޮލުން މާ ގިނައިން އިސްތަށި ފައިބާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. މިހެން ދިމާވަނީ ވިޓަމިން ޑީ ހަށިގަނޑުގައި މަދުވުމެގެ ސަބަބުން ކަމަށް ވެއެވެ. އަދި އިސްތަށި ފޭބުން ހުއްޓުވުމުގެ ގޮތުން ވިޓަމިން ޑީ އެކުލެވޭ މޭވާއާއި ތަރުކާރީ ކެއުމަށް އާދަ ކުރުމަކީ މުޙިންމު ކަމެކެވެ.

 

އިންފެކްޝަން އަށަގަތުން:

ބައެއް ކަހަލަ އިންފެކްޝަން އަށް ހުށަހެޅުމުގެ ސަބަބުން ވެސް ބޮލުން އިސްތަށި ފޭބުން މެދުވެރި ކުރުވައެވެ. ބޮލުން އިސްތަށި ފޭބުން މެދުވެރިކުރުވާ ބައެއް އާންމު އިންފެކްޝަން ތަކުގެ ތެރޭގައި އަންނަނިވި ބަލިތައް ހިމެނެއެވެ.

ދަދު ނުވަތަ ރިންގްވާރމް އަކީ ފަންގަސް ގެ ސަބަބުން ހަންގަނޑަށްޖެހޭ ބައްޔެކެވެ. ހަށިގަނޑުގެ ކޮންމެ ހިސާބަކަށް ވެސް މިބަލި ޖެހިދާނެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއިން ބޮލުގެ ނާށިގަނޑުގެ ހަންގަނޑުގައި މިބަލި އަށަގަނެއްޖެނަމަ ޕެޗެއްގެ ސިފަޔަށް ބޮލުން އިސްތަށި ފޭބުން މެދުވެރި ކުރުވައެވެ. މިބަލީގެ ސަބަބުން ފަންގަސްގެ އަސަރު ކޮށްފައިވާ ހިސާބުތަކުގެ އިސްތަށިތައް ދެރަވެ، ބިނދި ބުރިބުރިވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިތައް ފައިބައި އެހިސާބު ތަލަވާގޮތް ވެއެވެ.

ދަދު އަކީ ގައިން ގަޔަށް އަރާ ހަމުގެ ބައްޔެކެވެ. ބައެއް ފަހަރު ގެންގުޅޭ ބުޅާ ފަދަ ޖަނަވާރެއްގެ ކިބައިންވެސް އިންސާނުންގެ ގަޔަށް ދަދު ޖައްސާ ފަންގަސް ވާޞިލްވެދާނެއެވެ. ދަދު ޖެހިފައިވާ މީހަކާއި ސަލާމަތުން ހުރި މީހެއްގެ ހަންގަނޑު ހުރަހަކާ ނުލާ ބީހެއްޖެނަމަ ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ދަދު ޖައްސާ ފަންގަސް ވާޞިލްވުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން ދަދުޖެހިފައިވާ މީހާ ބޭނުންކުރާ ބުރުސް، ތުވާލި، ފުނާ، އަންނައުނު ފަދަ ތަކެތިން ވެސް ސަލާމަތުން ހުރި މީހާގެ ގަޔަށް ބަލި އަރައި ފާނެއެވެ.

ތަފާތު އެތައް ވައްތަރެއްގެ ފަންގަސްގެ ސަބަބުން ދަދު ޖެހޭގޮތް ވެއެވެ. އެހެންކަމުން ދަދު އަށް ދެވޭ ފަރުވާ ބިނާވެފައި އޮންނަނީ ދަދު ޖެހެން މެދުވެރިވި ފަންގަސް އަކާއި ގުޅޭގޮތުންނެވެ. އާންމު ގޮތެއްގައި ބޭނުންކުރެވެނީ ފަންގަސް އާއި ދެކޮޅަށް އުފައްދާފައި ހުންނަ ބޭސްތަކެވެ.

 

ޕީޑްރާ:

ޕީޑްރާ ގެ މާނައަކީ އިސްތަށީގެ ފައިބަރު ފަންގަސް އާއި ތަޣައްޔަރުވެ، އޭގައި ހަރުގޮށެއް ކަހަލަ އެއްޗެއް އުފެދުމެވެ. ޕީޑްރާ އަކީ ސްޕޭން ބަހުން ހިލަ އަށް ކިޔާ ނަމެކެވެ. ޕީޑްރާ ގެ ދެވައްތަރެއް ހުރެއެވެ. އެއީ ޕީޑްރައާ ހޯޓީ ކިޔާ ވައްތަރަކުން ޖެހޭ ކަޅު ޕީޑްރާ، އަދި ޓްރައިކޮސްޕޯރޯން ބީޖެލީ ކިޔާ ފަންގަސް އަކުން ހުދު ޕީޑްރާ އެވެ. ކަޅު ޕީޑްރާ އާންމުކޮށް ފެންނަނީ ހޫނު ގަދަ ހިސާބުތަކުންނެވެ. ހަށިގަނޑުގެ އިތުރުން ބޯ އަދި ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް ވެސް މި ބަލި ޖެހިދާނެއެވެ.

 

ބޭނުންކުރެވޭ ބޭހުގެ ސަބަބުން:

ބައެއް ބަލިތަކަށް ބޭނުންކުރާ ބޭހުގެ ސަބަބުން ވެސް އާދަޔާ ޚިލާފަށް ބޮލުން އިސްތަށި ފައިބައެވެ. އެކަން އެގޮތަށް ފާހަގަ ކުރެވޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުޙިންމު ކަމެކެވެ.

 

އިސްތަށީގެ ބުޑު ދުޅަވުން:

އިސްތަށީގެ ބުޑު ދުޅަވުން އަކީ ބެކްޓީރިޔާ އެއްގެ ސަބަބުން ޖެހޭ އިންފެކްޝަން އެކެވެ. އިސްތަށީގެ ބުޑު ދުޅަވެ ރަގަޅުނުވެ، ގިނަ ދުވަސް ވެއްޖެނަމަ، ބައެއް ފަހަރު އިންފެކްޝަން ޖެހިފައިވާ ހިސާބުގައި ހުރި އިސްތަށިތައް ފައިބާގޮތް ވެދާނެއެވެ. އެންމެ އާންމު ގޮތެއްގައި އިސްތަށީގެ ބުޑު ދުޅަވުން ކުރިމަތިވަނީ ސްޓެފައިލޯކޮކަސް ޔޫރިއަސް ކިޔާ ޖަރާސީމެއްގެ ސަބަބުންނެވެ. އަދި ބައެއް އެހެން ބެކްޓީރިޔާ ތަކުގެ ސަބަބުން ވެސް މިބަލި ޖެހިދާނެއެވެ. އާދައިގެ ވަރަކަށް އިސްތަށީގެ ބުޑު ދުޅަވުން ކުރިމަތިވުމުން އުގުޅާ ބޭހުގެ ގޮތުގައި އެންޓިބަޔޮޓިކް ބޭނުންކުރެވެއެވެ. ނުރައްކާތެރި ހާލަތުގައި ގުޅަ ބޭހުގެ ގޮތުގައި އެންޓިބަޔޮޓިކް ބޭނުން ކުރެވެއެވެ.

މި ނޫނަސް ގިނަ ކަންކަން، އާދަޔާ ޚިލާފަށް ބޮލުން އިސްތަށިފޭބުމަށް މެދުވެރި ކުރުވައެވެ. އާދަޔާ ޚިލާފަށް ބޮލުން އިސްތަށި ފައިބާ ނަމަ ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަން ޖެހޭނެއެވެ. އެކަމުގައި ފަރުވާ ކުޑަ ނުކުރާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!