އެއަރޕޯޓް ދަތުރަކަށް ޓެކްސީ ޑްރައިވަރަކު މީހެއްގެ އަތުން 800 ނުދިނުމުން 500 ރުފިޔާ ފެލާލައިފި
ދެންމެ | 28 މެއި 2024
މާލެއިން އެއާޕޯޓަށް ކުރި ދަތުރަކަށް ޓެކްސީ ޑްރައިވަރަކު މީހެއްގެ އަތުން 500 ރުފިޔާ ނަގައިފިއެވެ.

އާދަމް ސޯލިހް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އަވަސް ރައިޑް މެދުވެރިކޮށް މާލެ މާވެޔޮމަގުން އެއާޕޯޓަށް އޭނާ ކުރި ދަތުރެއްގެ އަގަކަށް ޑްރައިވަރު 500 ރުފިޔާ ނެގި ކަމަށެވެ. މިއީ ”ތަންފުކަކަށް ވުރެ ދެތަންފުއް ބޮޑު“ އަދަދެއް ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެޕް މެދުވެރިކޮށް ކާރު އޯޑަރު ކުރީ މެންދުރު 1:45 އަށް އަންނަ ގޮތަށެވެ. ލަގެޖް ހިފައިގެން ފައިބަން ޖެހޭތީ 10 ވަރަކަށް މިނެޓް ލަސްވެދާނެ ކަމަށް ޑްރައިވަރު ކައިރީގައި ބުނި ކަމަށް ވެސް ޕޯސްޓުގައި ބުނެފައިވެއެވެ.

”1:30 ނުވަނީސް ޑުރައިވަރު އައިސް ގުޅަން ފަށައިފި. ދެން އޭނައަށް ލަސްވެދާނެތީ އެ ކާރު ކެންސަލް ކޮށްފައި އެހެން ކާރަކަށް ޖެހީ. ނަމަވެސް ފަހުން ޖެހި ކާރު އައުމުން ކުރީ ކާރުގެ ޑުރައިވަރު ފަހުން އައި ކާރު ފޮނުވާލި. ދެން އައިސް ކާރަށް އެރުމުން ބުނީ ކީއްވެހޯ އިތުރު ކާރުތަކަކަށް ތިޔަ ޖެހީ.“ ޕޯސްޓުގައި ބުނެފައިވެއެވެ.

އާދަމް ސޯލިހް ބުނެފައިވާ ގޮތުގައި ކާރު މަޑުކުރަން ޖެހުމުން ޖޫރިމަނާ ލައިގެން 800 ރުފިޔާ އަރާނެ ކަމަށް ޑްރައިވަރު ބުނި ކަމަށެވެ. އެ ވާހަކަ ބުނީ ވެސް ބްރިޖު މައްޗަށް އެރި ފަހުން ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެއީ ކީއްވެހޭ ސުވާލުކުރުމުން 500 ރުފިޔާ ދިނުމުން ރަނގަޅުވާނެ ކަމަށް ބުނި ކަމަށް އޭނާ ކިޔައިދިނެވެ.

ފްލައިޓަށް ވަގުތު ކުޑަތަންވެފައި ވާތީ އިތުރަށް ޒުވާބުނުކޮށް ޑްރައިވަރު ބުނި ވަރެއް ދީފައި ކާރުން ފޭބީ ކަމަށް ވެސް ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ. އާދަމް ސޯލިހް ވަނީ އޭނާ ދަތުރުކުރި ކާރުގެ މައުލޫމާތު ވެސް އެ ޕޯސްޓާއެކު ހިއްސާކޮށްފައެވެ.

ކާރު ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ގިނައިން ދަތުރަށް ފައިސާ ނަގާ މައްސަލަ ވަރަށް ގިނައިން ފެންމަތިވެއެވެ. މި ފަހުން ޑްރައިވަރުންގެ މައްސަލަ ބޮޑުވެ މިނިސްޓްރީއިން ކާރު ދަތުރުތަކުގެ އަގުތައް އަލުން މުރާޖާކޮށް އިއުލާނުކޮށްފައިވެއެވެ. އަދި އަގުތަކާ ހިލާފަށް ދަތުރުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!