ރައްޔިތުންނަށް ބިން ދިނުމުގެ ނަމުގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހިންގާފައިވަނީ ބޮޑު ޖަރީމާއެއްކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެ އެވެ.
ސައުދާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނު ތަސްދީދު ނުކޮށް އަލުން ވިސްނާ ވަޑައިގެންނެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލި މައްސަލައިގެ ބަހުސްގެ ވަގުތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސައުދާ ވިދާޅުވީ ރައްޔިތުން އުޅޭ ހާލު ދަންނަކަމަސް ބުނެ އެކަންކަމަށް ހައްލެއް ހޯދައިދިނުމުގެ ނަމުގައި ނިމިދިޔަ ސަރުކާރުން ހިންގާފައިވަނީ ޖަރީމާއެއް ކަމަށެވެ.
ރައްޔިތުންގެ އިހުސާސްތައް ދަންނަކަމަށް، ރައްޔިތުންގެ ހާލު އިނގޭކަމަށް ދައުވާ ކުރަމުން މި ކަންތައްތަކަށް ހައްލެއް ހޯދައިދިނުމުގެ ނަމުގަ މިދިޔަ ސަރުކާރުން ހިންގާފަ މިވަނީ ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި އަޅުގަނޑު ބޭނުން ސިފަކޮށްލަން.
ޖަރީމާއެއްގެ ގޮތުގައި މިކަންތައްތައް ސިފަކުރަން ބޭނުންވާ ސަބަބެއްގެ ގޮތުގައި ސައުދާ ވިދާޅުވީ ގޯތި ދީފައިވާ ގޮތް ކަމަށެވެ. އެގޮތުން ސައުދާ ވިދާޅުވީ ބިމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ނަމުގައި ނެތް ތަނަކުން، ނެތް އެއްޗެއް ދީފީމޭ ބުނުމަކީ ހިންގާފަ އޮތް ޖަރީމާއެއް ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު އޮޅުވާލުމެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.