ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މަހާޒު ދެއްކެވި ވާހަކަ އަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.
އެ ރަސްމިއްޔާތުގައި މަހާޒު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖެއިން 11254 މީހުން ދަސްވެނިވި ކަމަށާއި 2020 ވަނަ އަހަރު 7235 މީހުން ދަސްވެނިވި ކަމަށެވެ. އަދި 2021 ވަަނަ އަހަރު ދަސްވެނިވި މީހުންގެ އަދަދު 12837 ގައި އުޅޭއިރު 2022 ގައި އެ އަދަދު ހުރީ 6000 ގައި ކަމަށް ވިދާޅުވި އެވެ.
މަހާޒު ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ޔުނިވާސިޓީތަކަށް ވަތް މީހުންގެ އަދަދު 26،000 ގައި ހުރިއިރު 2022 އާ ހިސާބަށް ދިޔައިރު 29،000 އަށް ވަނީ އިތުރުވެފަ އެވެ.
ރާއްޖޭގައި ތައުލީމު އުނގެނޭ މީހުންގެ އަދަދުތަކުން ހާމަވަނީ ދިވެހިންގެ މެދުގައި ތައުލީމަށް ލޯބިކުރާ މީހުން އިތުރުވުން ކަމަށާއި އެކަމަކު އެ ވިސްނުމުން ބަލާއިރު ރާއްޖޭގެ އަހުލާގީ ފޭރާން ރަނގަޅުވެ، މުޖުތަމައު ހޭލުންތެރިވާން ޖެހޭ ކަމަށް ވިދާޅުވެ، އޭނާ ސުވާލު އުފެއްދެވީ ރާއްޖޭގެ ހާލަތު އޮތީ އެގޮތަށްތޯ އެވެ.
”އަޅުގަނޑުމެންގެ ފޯނުގައި އެޑިއުކޭޝަނަލް ކެޓަގަރީއަށް ފިޓްވާ ކިތައް އެޕްލިކޭޝަން އެބަ އިންތޯ. އަޅުގަނޑުމެން ފޯނުން އެޕެއް ހުޅުވާލައިފި ނަމަ، އަޅުގަނޑުމެން ހެނދުނުގައި ތަޅާނީ ހުތް އަނބު، މެންދުރުގައި ގިތި ފަޅު، ހަވީރުގައި އަޅުގަނޑުމެން ބަލާނީ ކުރިން ތެޅި ތެޅުމަށް ލިބުނީ ކިތައް ލައިކުތޯ، ކިތައް މީހުން ޝެއާކުރިތޯ،“ މަހާޒު ވިދާޅުވި އެވެ.
އިތުރު މިސާލެއް ނަންގަވައި މަހާޒު ވިދާޅުވީ މިސްކިތުގައި ދޮރުފަތް ނެތް ނަމަ، ސައިކަލު ޕާކުކުރާނީ މިހުރާބާއި މިމްބަރާ ދެމެދުގައި. ފިހާރަތަކަށް ވަންނަން ސައިކަލުގައި ގޮސްފި ނަަމަ، ވަދެވޭނަމަ ސައިކަލު ޕާކުކުރާނީ ސޭޓާއި ކައުންޓަރާ ދެމެދުގައި.“
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ކޯހަކުން އެންމެ މަތީ ފާސް ހޯދި ދަރިވަރަށް އިނާމު ދެއްވަނީ.
މަހާޒު ވިދާޅުވީ މީހެއްގެ ގަޔަށް ވަޅި ހަރައިފި ނަމަ، އެއީ ދިވެއްސަކަށް ނުވި ނަމަވެސް އިންސާނީ ތޮއްބިއްޔަތުގެ ގޮތުން ހިތަށް އަސަރުތަކެއް ކުރާ ކަމަށެވެ. އެކަމަކު ބަހެއް ބުނާއިރު އެ ބަހުގެ ސަބަބުން އަނެކާއަށް ކުރާނީ ކޮން ކަހަލަ އަސަރެއްތޯ ވެސް މީހުން ނުބަލާ ކަމަށް ވިދާޅުވެ މަހާޒު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
”އެހެންނަމަވެސް ރެއާ ދުވާލު އަނެކާގެ އަބުރަށް އަރައިގަނެވޭއިރުގައި އަޅުގަނޑުމެންނަށް މި އިހުސާސް [މީހެއްގެ ގަޔަށް ވަޅި ހެރުމުން ހިތަށް ކުރާ އަސަރު] ކުރެވޭތޯ. އަނެކާގެ ހިތުގައި އަޅާވޭން އަޅުގަނޑުމެންނަށް އިހުސާސްކުރެވޭތޯ. ކިހާ ދުވަހަކު އެ ލަކުނުތައް އަނެކާގެ ހިތުގައި ހުންނާނެ ކަމު އަޅުގަނޑުމެން ވިސްނަމުތޯ.“
އެ ސަބަބުތަކާ ހުރެ މަހާޒު ވިދާޅުވީ ތައުލީމީ ގްރާފުން ރާއްޖޭގައި ތައުލީމު ހާސިލުކުރާ މީހުންގެ އަދަދު މައްޗަށް އެރިޔަސް އަހުލާގީ މިންގަނޑުން ދަނީ ދަށަށް ކަމަށެވެ.
އެހެންވެ، ތައުލީމު ހާސިލުކޮށްގެން ނިކުންނަ މީހުންގެ ކިބައިން މުޖުތަމައު އުންމީދުކުރާ ކަންތައްތަކެއް ހުންނަ ކަމަށް މަހާޒު ވިދާޅުވި އެވެ. މަހާޒު ދަސްވެނިންގެ ކިބައިން އެދިވަޑައިގަތީ އެ މީހުންނަކީ މުޖުތަމައުގެ ތެރޭގައި މިންގަނޑެއް ގެންގުޅޭ، ގޮތެއް ހުންނަ، އަހުލާގެއް ވެރިބަޔަކަށް ވުމަށެވެ.
”ތިމާއަށް ހައްގެއް ލިބޭކަމުގައިވާނަމަ، އެ ހައްގާ އެކު ވާޖިބެއް އުފަންވާކަން ހަނދާނުގައި ބަހައްޓަވާ. ބަސް ބުނުމުގެ ކުރިން އެ ބަސް މި ބުނަނީ ކޮން ފަރާތަކަށް ކޮން ވަގުތަކު ކިހިނެއްވެގެންކަން އެ ބަހުގެ ސަބަބުން އަނެކާއަށް ކުރާނީ ކޮން އަސަރެއްކަން، އެ ބަހުގެ ސަބަބުން ތިމާއަށް ލިބޭނީ ކޮން ގެއްލުމެއް ކަން، މި ބަސް ނުބުނެ ފަރުޖެހެން އޮތް ގޮތެއް އަޅުގަނޑުމެން ވިސްނާ ފިކުރު ކުރަންޖެހޭ،“
މުޖުތަމައެއް ބަދަލުކުރެވޭނީ ތިމާގެ އަހުލާގަށް ގެންނަ ބަދަލަކުން ކަމަށް ވެސް މަހާޒު ވިދާޅުވި އެވެ.