ކޭޕާކް ވާނުވާގައި އޮތް އިރު، ޖާހް ފްލެޓްތައް އެޗްޑީސީއަކަށް ނުނިންމުނު
ދެންމެ | 14 ޖޫން 2024

ނުނިމި ދިގުލައިގެން ގޮސްފައިވާ ޖާހު އިންވެސްޓްމަންޓުގެ ފްލެޓްތައް ނިންމަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުވެ، އެ މަސައްކަތް ނިންމަން އެޗްޑީސީން ބުނި މުއްދަތުގައި ވެސް ފްލެޓްތައް ނުނިމި ލަސްވެއްޖެ އެވެ.

ޖާހު އިންވެސްޓްމަންޓްގެ ”ދަ ގާޑަން“ އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. ދެ އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރި ފްލެޓުތަކަށް ހަތް އަހަރު ވެގެން ދާއިރު ވެސް މަސައްކަތް ނުނިމޭތީ، އެތަނުން އެޕާޓްމަންޓް ގަތް މީހުން މުޒާހަރާ ވެސް ކުރި އެވެ.

އެހެންވެ، އެ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތަކާ އެޗްޑީސީން ހަވާލުވި އެވެ.

އެޗްޑީސީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބުނީ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އޭރު އެޗްޑީސީން ބުންޏެވެ. ނަމަވެސް، އެ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނީގެ ބެލުމުގެ ދަށުން ޖާހު ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ދުވަހެއް އަދި ސާފެއް ނުވެ އެވެ.

ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދަމުން އަންނަ 83 އެޕާޓްމަންޓްގެ ފެލްޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އާބަންކޯ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް މިދިޔަ އަހަރު ދިނެވެ. އެކަމަކު މުއްދަތު ހަމަވިއިރު ވެސް ފައިސާ ދައްކާފައެއް ނުވެ އެވެ.

އެޗްޑީސީން ކުރިން ބުނީ އެ ޕްރޮޖެކްޓުގެ 91 ޕަސެންޓް މަސައްކަތް ނިމިފައި ވާތީ، ޑިވެލޮޕަރު ބަދަލު ކުރުމަކީ އެކަށީގެންވާ ކަމަކަށް ނުވާނެ ކަމަށެވެ. އެހެންވެ، އާބަންކޯ އާއި ޖާހު އިންވެސްޓްމަންޓާއި ފްލެޓްތައް ގަނެފައިވާ މީހުންނާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުން މަސައްކަތް އަވަހަކަށް ނިންމާނެ ކަމަށް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!