ރޮނާލްޑޯއަށް އެއްކަމެއް ނުވިޔަސް ނަސީބަކުން ޕޯޗްގަލް މޮޅުވެއްޖެ
ދެންމެ | 19 ޖޫން 2024
ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ދިޔަ މެޗުން، ފަހަތުން އަރައި ޗެކްރިޕަބްލިކް އަތުން ޕޯޗުގަލް މޮޅުވެއްޖެއެވެ.

ޗެކް ރިޕަބްލިކް އަތުން ޕޯޗުގަލް އަންގާރަ ދުވަހުގެ ރޭ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި ޗެކުން ލަނޑު ޖަހައި ކުރި ހޯދާފައިވަނިކޮށް ޕޯޗުގަލް މޮޅުކޮށްދިނީ މެޗުގެ 90 ވަނަ މިނިޓުގައި ކުޅެން ނުކުތް ދެ ކުޅުންތެރިން ވެގެންނެވެ.

މި މެޗުގައި ފުލްކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ނަމަވެސް އޭނާއަކަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. ލަނޑެއް ޖެހުމަށް ލިބުނު ވަރަށް ހުސް ފުރުސަތުތަކެއް ބޭކާރުވެގެން ދިޔައިރު، ރޮނާލްޑޯ ބޮލުން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތުމުން އެހެން ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ނަމަވެސް، ވީއޭއާރުން ނިންމީ ރޮނާލްޑޯ އެ ބޯޅާ ފޮނުވާލިއިރު، އޮފް ސައިޑް ޕޮޒިޝަނެއްގައި ހުރި ކަމަށެވެ.

މި މެޗުގައި ޗެކްރިޕަބްލިކުން ލީޑް ނެގީ 62 ވަނަ މިނިޓްގައެވެ. ޕޯޗުގަލްގެ އޭރިޔާ ބޭރުން ޗެކް ޓީމުގެ ޕްރޮވޮޑް ފޮނުވާލި ބާރު ބޯޅަ ގޮސް ގޯލަށް ވަތް އިރު އެ ބޯޅަ ދިފާއު ކުރަން ޕޯޗުގަލްގެ ކީޕަރަށްވެސް މާބޮޑު ކަމެއް ނުކުރެވުނެވެ.

މި މެޗުގައި ޕޯޗުގަލްއަށް އެއްވަރު ކޮށްދިނީ، ނޫނޯ މެންޑޭޒް ބޮލުން ފޮނުވާލި ބޯޅަ ޗެކުގެ ކީޕަރު ދިފާއު ކުރި ވަގުތު ކުރިމަތީހުރި އެ ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި ބައިކޮޅަށް ވަތް ލަނޑުންނެވެ.

ޕޯޗްގަލް މި މެޗުން މޮޅުވީ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ އަރިމަތިން ނަގައިދިން ހުރަސް ފްރާންސިސްކޯ ކޮންސެސާއޯ ގޯލަށް ފޮނުވާލައިގެންނެވެ. މި ދެ ކުޅުންތެރިންނަކީ 90 ވަނަ މިނިޓުގައި ކުޅެން ނުކުތް ދެ ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!