ވަރިކުރިފުޅުގެ އިއްދައިގެ ހަރަދު މުސާރައިން ކެނޑުމަށް މިފްކޯއަށް އަމުރު ކޮށްފި
ދެންމެ | 19 ޖޫން 2024

މިފްކޯގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ އަންހެނުން ވަރިކުރުމަށްފަހު އިއްދައިގެ ހަރަދު ދައްކާފައިނުވާތީ، އެ ފައިސާ އޭނާގެ މުސާރައިން ކަނޑައި ވަރިކުރިފުޅަށް ދެއްކުމަށް މިފްކޯގެ މައްޗަށް މެޖިސްޓްރޭޓް ކޯޓަކުން އަމުރުކޮށްފި އެވެ.

މި މައްސަލައަކީ، އުތުރުގެ ރަށަކަށް ނިސްބަތްވާ މިފްކޯގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ އަންހެނުން ވަރިކުރުމުން، ކޯޓުން ލައްވާފައިވާ އިއްދައިގެ ހަރަދަށްވާ 6،000 ރުފިޔާ ނުދައްކައިގެން އެ ފައިސާ ހޯދަން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ ފައިސާ ނުދެއްކުމުގެ އުޒުރެއްގެ ގޮތުގައި އެ ފިރިހެން މީހާ ބުނެފައިވަނީ ފައިސާ ނެތުމެވެ.

އެހެންވެ، ކޯޓުން ވަނީ، އެ މީހާ މަސައްކަތް ކުރަމުންދާ މިފްކޯއަށް ލިޔެގެން އޭނާގެ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލް ހޯދައިފައެވެ. އަދި އެ މައްސަލަ ބެއްލެވި ގާޒީ ހުކުމްކުރެއްވީ، އަންހެން މީހާގެ އިއްދައިގެ ހަރަދަށްވާ ފައިސާ އެ މީހާގެ މުސާރައިން އުނިކުރުމަށްފަހު މުސާރަ ދިނުމަށެވެ. އެގޮތުން އިއްދައިގެ ހަރަދު މުސާރައިން އުނިކުރުމަށްފަހު އެ ފައިސާ ކޯޓުގެ އެކައުންޓަށް ފޮނުވުމަށް އަމުރުގައިވެ އެވެ.

މި މައްސަލައިގައި ހިމެނޭ ފިރިހެން މީހާއަކީ މިފްކޯގެ ދާއިމީ ވަޒީފާއެއްގައި އުޅޭ މީހެކެވެ.

އިއްދައިގެ ހަރަދު ދޭން ޖެހޭ މީހާ އަކީ ވަޒީފާއެއްގައި އުޅޭ މީހެއްނަމަ، އޭނާގެ މުސާރައިން ކެނޑުމަށްފަހު ކޯޓަށް ފައިސާ ޖަމާކުރަން އެ މީހަކު ވަޒީފާއަދާ ކުރާ އޮފީހަކަށް ނުވަތަ ތަނަކަށް އަމުރު ކުރުމަކީ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ކޯޓަށް ލިބިފައިވާ ބާރެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!