ސަރުކާރު ޚަރަދު ކުޑަކުރުމުގެ ސިޔާސާތުގެ ދަށުން ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ މަސައްކަތް އިވެލުއޭޓްކޮށް, ޕާފޯމް ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން މަސައްކަތް ކުރުމަށް އަންނަ ކަމަށް މާލީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ, މަޖިލީހުގެ މާލީ ކަންކަމާ ބެހޭ ކޮމިޓީގައި މިއަދު މެންބަރަކު ކުރި ސުވާލަކަށް ދެއްވި ޖަބާގައެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު ވަނީ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް ގެންގުޅުއްވާ ކަމަށް ވިދާޅުވި ނަމަވެސް ގިނަ އަދަދެއްގެ ސިޔާސީ މަޤާމުތައް އުފައްދާފައިވާ ކަަމަށް ވިދާޅުވެ, ސިޔާސީ މަޤާމުތަކުގެ އަދަދު ވިދާޅުވާން މިނިސްޓަރު ކުރެން އައްސަވާފައެވެ.
އެ ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ, ސީދާ ސިޔާސީ މަޤާމުގައި ތިބި މީހުންގެ އަދަދު ޖެހޭނީ ރައީސް އޮފީހުން ބައްލަވަން ކަމަށާއި, ޖަވާބު ފަހުން އަރުވާނެ ކަަމަށެވެ. އަދި ސިޔާސީ މަޤާމުތަކުގައި ތިބި މީހުން އިވެލުއޭޓް ކުރުމުގެ މަސައްކަތެއް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ރައީސް އޮފީހުން ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިހާރު މިދަނީ ވަރަށް ބޮޑަށް ބެލެމުން މިދަނީ, ސިޔާސީ ބޭފުޅުންގެ ޕާފޯމެންސް ބެލެމުން މިދަނީ, އެ އެކްސަސައިޒް ކުރެވެމުން މިދަނީ.“ ވަޒީރު ވިދާޅުވިއެވެ.
ޕާފޯމް ނުކުރާ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު މިދަނީ ވަރަށް ސިސްޓެމިކް ގޮތެއްގައި ކުރެވެމުން. ވަޒީރުންގެ މަޖިލީހުގައި ވެސް މިކަމަށް ޕޭޕަރެއް ތައްޔާރު ކުރެވި ހުށަހެޅި, ގައިޑްލައިންތަކެއް ހެދިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުން
ސިޔާސީ މަޤާމުތައް މަދު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މި ވެރިކަމުގައި ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ އަދަދު އިތުރުވަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެއެވެ.