ގިނައިން ހިނގުމަށްވުރެ މޮޅު ފަރުވާއެއް ނެތް!
ދެންމެ | 27 ޖޫން 2024

ދުވަހުން ދުވަހަށް ހިނގާބިނގާވެ އުޅުމަށް އަޒުމު ކަނޑައަޅަންވީ ވަގުތު ޖެހިއްޖެއެވެ.

ހިނގުމަކީ ބައެއް މީހުންނަށް މާ ފަސޭހަ ކަމެއް ކަމުގައިނުވި ނަމަވެސް އެކަން ކުރާ މީހުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދެއެވެ. އެކަށީގެންވާ ވަގުތު ނުލިބޭ ނަމަވެސް، ހިނގާލުމަކީ ފަސޭހައިން އެންމެ ރަނގަޅު ކަސްރަތެވެ. ބާޒާރަށް ދިއުމާއި، ދުވަހުން ދުވަހަށް ކުރާ ކަންކަމުގައި ހިނގުމުގެ ބައި ހިމެނޭނެއެވެ. ހިނގާލާ ހެދުން ޚިޔާރު ކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޭގެ ފައިދާތަކަކީ ކޮބައި ހެއްޔެވެ؟

 

ތިމާގެ ސިކުނޑި ތާޒާކޮށްލުމަށް

ސްޓްރެސް ވެ، ރުޅިގަދަވެ، ނުވަތަ ހާސްކަމުގެ ތެރޭގައި ހުންނަ ވަގުތުތަކުގައި ހިނގާލަން ދިއުމަކީ ފުރިހަމަ ހައްލަކަށް ވެދާނެއެވެ. ހަގީގަތުގައި ހިނގުމުގެ ސަބަބުން ސިކުނޑީގެ ހިނގުން ވަރުގަދަކޮށްދީ ތާޒާކޮށްދެއެވެ. ހިނގާ ބިނގާވެ އުޅޭނަމަ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ދިމާވާ މައްސަލަތަކާ ދުރަށް ޖެހެއެވެ.

ހިނގާލަން ދާއިރު ދިރިއުޅުމުގައި ހައްލުނުކުރެވި ހުރި ހުރިހާ ސުވާލުތަކާ މެދު ވިސްނަން އިތުރު ވަގުތު ލިބޭނެއެވެ. އަދި ސިކުނޑީގެ މުހިއްމު ކަމާއި ސިކުނޑީގެ ބާރު ވިސްނޭނެއެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގައި ދިމާވާ ދަތިތަކާ ކުރިމަތިލާއިރު ހަމަޖެހިލައިގެން ހުރުމުގެ ހާލަތަށް ރުޖޫޢަވާނެއެވެ. ކުރުކޮށް ބުނާނަމަ، އެހެން މީހުންނާއެކު ވިޔަސް ނުވަތަ އެކަނި ވިޔަސް، ހިނގާ ބިނގާވެ އުޅުމަކީ, ސިކުނޑިއަށް ލުއި އަސަރެއް ގެނުވާނެ ކަމެކެވެ.

 

ބަރުދަން ރަނގަޅު މިންގަނޑެއްގައި ބެހެއްޓުމަށް

ހިނގާބިނގާވެ އުޅުމަކީ އެހާ މުހިއްމު ކަމެއްކަމުގައި ބައެއް ފަހަރު ނުދެވުނު ނަމަވެސް، ހިނގުމުގެ ސަބަބުން، ދުވުމާ އެއްފަދަ ފައިދާތަކެއް ވެސް ލިބިދާނެ ކަމަށް ބެލެވެއެވެ. ހަމަ ގައިމުވެސް އެއީ ކުޅިވަރެކެވެ. ކަސްރަތެކެވެ. މިއީ ތިމާގެ ބަރުދަން ރަނގަޅަށް މެނޭޖް ކުރުމުގެ ފުރުސަތު ލިބޭ ކުޅިވަރެކެވެ. އެއީ ހިނގުމުގައި ހަކަތަ ބޭނުން ކުރާނެއެވެ. މިގޮތުން ކޮންމެ ދުވަހަކު (ދުވާލަކު މަދުވެގެން 30 މިނެޓް) ހިނގާލަން ދާނަމަ، ބަރުދަން ރަނގަޅަށް ކޮންޓްރޯލް ކުރެވޭނެއެވެ.

 

ހިނގުމަކީ ހަށިގަނޑުގައި ޖަހާ ބޭކަރު ސަރުބީތައް ވިރުވާލުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. މިސާލަކަށް ގަޑިއަކު 6 ކިލޯމީޓަރުގެ ބާރުމިނުގައި ގަޑިއެއްހާއިރު ހިނގާނަމަ ގާތްގަނޑަކަށް 300 ކެލޮރީ އަންދާލާނެއެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ބަރުދަން ރަނގަޅު މިންގަޑެއްގައި ހިފެހެއްޓުމަށްޓަަކައި، ކެއުން ބައްޓަން ކުރަންވާނީ، މެދުމިނެއްގައެވެ.

 

ތަފާތު ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް

ކުޅިވަރަކީ ތަފާތު ބަލިތަކަށް ހަގީގީ ފަރުވާއެއްކަން އެނގެއެވެ. ހިނގުމަކީ ކުޅިވަރެއްގެ ގޮތުގައި ބެލެވޭތީ، އެކަމުން އެކި ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވެދެވިދާނެއެވެ. އެންމެ ފުރަތަމަ ކަމަކަށް ބަލާއިރު، ހިނގުމަކީ ކާޑިއޯ ވެސްކިއުލަރ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. ހިނގާފައި އުޅުމުން، ސްޓްރޯކާއި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު %25 އާއި %30 އާއި ދެމެދުގެ މިންވަރަކަށް ދަށްވެއެވެ.

 

މީގެ އިތުރުން ގަވާއިދުން ހިނގާބިނގާވެ އުޅުމަކީ ހަކުރުބަލީގެ ނުރައްކާތެރިކަން، ޚާއްސަކޮށް ޓައިޕް 2 ހަކުރުބަލީގެ ނުރައްކާތަކުން ދުރުކޮށްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަކުރުބައްޔާއި ބަރުދަން އިތުރުވުމާ ގުޅިފައި ހުރުމުން ހިނގުމަކީ އެކަމުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން ކެއުމަށް ސަމާލުކަންދީގެން ގަވާއިދުން ހިނގާލުމަކީ ސިއްހަތަށް ފަރުވާތެރިވުމަށް އޮތް އެންމެ ރަނގަޅު ހަތިޔާރެވެ.

 

މިއީ ހިނގާލުމުގެ ގިނަ ފައިދާތަކުގެ ތެރެއިން ތިން ފައިދާއެވެ. އެކި ބަލިތަކުން ރައްކާތެރިވުމުގެ އިތުރުން މި ޖިސްމާނީ ހަރަކާތްތަކުގެ ސަބަބުން ދުވަހުން ދުވަހަށް ކުރިމަތިވާ ކަންބޮޑުވުންތައް ރަނގަޅަށް މެނޭޖްކޮށް، ހަށިގަނޑަށް ފަސޭހަކަން ލިބިގެން ދާނެއެވެ. އެހެންވީމާ މިހާރު މިހުރިހާ ކަމެއް އެނގި، މިކަމަކީ މުހިއްމު ކަމެއްކަން އެނގުމުން، މި ކުޅިވަރުގައި އުޅެން ތައްޔާރު ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!