މަސްގަންނަ އަގު 15 އަށްވުރެ ދަށް ކުރަން ނިންމައިފި
ދެންމެ | 27 ޖޫން 2024

ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ކަނޑުމަސް ގަންނަ އަގު ޖުލައި 1، އިން ފެށިގެން (އަންނަ ހޯމަ ދުވަހުން ފެށިގެން) ބަދަލުކުރަން ނިންމައިފި އެވެ.

ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ ޖުލައި 24، އިން ފެށިގެން، މަސްގަންނަ އަގު މުރާޖައާ ކުރާނެ ކަމަށެވެ.

އޭނާ ހަވާލާދެއްވި ކަރުދާހަކީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ ވަޑައިގެންނެވުމުގެ ކުރިން، މަޖިލީހަށް ފޮނުއްވި ކަރުދާހެކެވެ.

”މިފްކޯގެ ވާހަކަ ދެން މީގަ އެބަ އޮތް، މަސްގަންނަ އަގު ޖުލައި 24، އިން ފެށިގެން މުރާޖައާކުރައްވާނެ ވާހަކަ، އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އެކަންތައް ވެސް ހަމަ ސުންގަޑިއެއް ކަނޑައަޅުއްވައިގެން އެކަން ކުރުމަށޭ، އޭރުންތާއޭ އެ ސޭވިންގްސްތައް ހޯދެން ފެށޭނީ،“ ނާޒިމު އިއްޔެ ވިދާޅުވި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މަސް ގަންނަ އަގަކީ ކިލޯ އަކަށް 15.ރ ކަމަށް ކަނޑައަޅައި، ޖުލައި 1، އިން ފެށިގެން އެގޮތަށް މަސްގަންނަން މިފްކޯއަށް ސަރުކާރުން އޮތީ ނިންމައިފަ އެވެ.

މިފްކޯއިން މިހާރު ކަނޑުމަސް ގަންނަނީ ކިލޯއަކަށް 20.ރ ގެ ރޭޓުންނެވެ.

އެގޮތަށް ގަތުމުން، އެކުންފުނިން ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރާ ކޮންމެ މަސްކިލޯއަކުން ހަތް ރުފިޔާގެ ގެއްލުން ވެ އެވެ. އެކަން ހަމަޖައްސަނީ ސަރުކާރުންދޭ ސަބްސިޑީ އިންނެވެ. މަސްގަންނަ އަގަކީ 15 ރުފިޔާ ކަމަށް ކަނޑައަޅައިފިއްޔާ ސަބްސިޑީގެ ގޮތުގައި ސަރުކާރުން މިފްކޯއަށް ފައިސާ ދޭން ޖެހޭނީ ކިލޯއަކަށް ދެ ރުފިޔާގެ މަގުންނެވެ.

މަސްވެރިން މިފްކޯއަށް ކިރި މަހަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 50 އަކަށް މިލިޔަން ރުފިޔާ ދޫނުކޮށް އޮތުމުން މިދިޔަ ހަފުތާގައި މުޒާހަރާ ކުރި އެވެ. އެނގިފައިވާ ގޮތުގައި އެފައިސާ ދީ ނިންމުމުގެ ކަންތައް މިހާރު ދަނީ ކުރިއަށެވެ.

މަސްގަންނަ އަގު ދަށްކުރަން ސަރުކާރުން ނިންމާފައި ވާއިރު، ކަނޑުމަސް ގަންނަ އަގު 20.ރ އަށް ވުރެ ދަށް ނުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!