ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަމީރު ނިކުމުގެ ގައުމުގެ އިގްތިސާދާއި މާލީ ހާލަތުގެ ވާހަކަ ދައްކަން ހަމަ ލަދެއް ހަޔާތެއް ގޮތެއް ފޮތެއް ހަމަ ނެތީ ހެއްޔެވެ!
ދިވެހި ތާރީހް ވެސް ނުދެކޭވަރުގެ ބޮޑެތި ލޯނުތަކާއި ސުކުކް ތަކާއި ބޮންޑުތަކުން މުޅި ދައުލަތް ދަރުވާލާފައިވާކަން މުޅި ދިވެހި ރައްޔިތުން ދަނެ އެވެ. ދުނިޔޭގެ އެތައް މިތަނުން ނެނގި ލޯނުތައް ހިތަށް އެރިގޮތަށް ތަޅާ ބުރުވާފައިވާއިރު ދައުލަތުގައި ރަހްނު ނުކުރާ އިމާރާތެއް ހަރު މުދަލެއް ނެތެވެ. މިވަރު މީހުން ނިކުމެ އަނގަ އަރުވަން ފެށީ ރައްޔިތުން ރޮނދި ނުކެޑުނިޔާ ދެރަ އެވެ.
އަމީރުގެ ފިނޭންސް މިނިސްޓަރުކަން ނިމި ރަގަޅަށް 7 މަސް ދުވަސް ނުވަނީ ރައްޔިތުން ކުރިމައްޗައް ނިކުމެ އަމާ އަނެކެއްޗޭ ކިޔަން ކެރޭނީ ބުއްދި ފަސްވެފައި ހުރުމުން ކަމަށް ވެސް ވެދާނެ އެވެ.
ދިވެހިން ބަލިހާލުގައި ގެތަކުގައި ބަންދުވެފައި ވަނިކޮށް އަމީރުގެ ފިނޭންސް މިނިސްޓަރ ކަމުގެ ޒިންމާގެ ދަށުން ދިވެހި ނޭވާ ހޮޅިތަކުން ކޮށްލި ވައްކަމާއި ކަރަޕްޝަނުގެ ވާހަކަ ދައްކާ ރައްޔިތުން ފޫހި ނުވެ އެވެ.
ހައްދެއް ސުމާރެއްނެތި ފަހު ވަގުތު ބޮޑެތި އިންޓްރަސްޓް ރޭޓްތަކުގައި އަމީރު ނެނގި ބޮޑެތި ލޯނުތަކުން ބޯ ހިއްލާ ނުލެވިގެން އުޅޭ އިރު އޭނާ ނިކުމެ މޮޅު ވާހަކަ ދައްކަން ފެށީމައި ރައްޔިތުން ހަމަ ރަގަޅަށް ވެސް ހޭދެބައި ވާނެ އެވެ.
ތުއްތު ތުއްތު އަމީރުގެ ފިނޭންސް މިނިސްޓަރު ކަމުގައި ނެނގި ބޮޑެތި ލޯނުތައް އިންވެސްޓް ކުރުމެއް ނެތި ރިކަރަންޓް ހަރަދަށް ހަމައެއް ލަމައެއް ނެތި ތަޅާލާފައިވާ ކަމަށް ފައިނޭންސް ދާއިރާގެ ބޭފުޅުން ބުނަމުންދާއިރު މިއަދު އަމީރު ނިކުމެ އަނގަ އަރުވަން ފެށުމުން ދިވެހިން ކެކޭނެ އެވެ.
ނިމިދިޔަ ސަރުކާރުގެ ސިޔާސަތު ތަކާއި ބެހޭ ގޮތުން ބޭންކިންގނާއި ފައިނޭންސް ދާއިރާގެ އިސްމަގާމްތަކެއް ފުރުއްވާފައިވާ އާސިޔާ ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ މާލީ ގޮތުން ގައުމު މިހާލަތަށް ގޮސްފައި ވަނީ އަމީރުގެ މިނިސްޓަރު ކަމުގައި ނެނގި ލޯނުތައް ޒިންމާދާރު ކަމެއް ނެތި ރިކަރަންޓަށް ހަރަދުކޮށްފައިވުމުން ކަމަށެވެ.
އިގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސްޓާފޯޑް ޝަޔަރ އިން މާސްޓަރ އޮފް ފައިނޭންސް ވެސް ހާސިލްކޮށްފައިވާ އާސިޔާ ވިދާޅުވެފައި ވަނީ ނިމިދިޔަ ސަރުކާރުން ފަހު ވަގުތު ނެނގި ލޯނުތަކާއި އިސޫކުރި ސުކުކްތަކާއި ބޮންޑުތަކަށް ލިބުނު ފައިސާ އިންވެސްޓް ނުކުރުމުގެ އަސްލަކީ ގައުމު މިއަދު މިހާލަތަށް ވެއްޓިގެން ދިއުން ކަމަށެވެ.
ސަރުކާރަށް ފާޑު ވިދާޅުވެ ދާދިފަހުން އަމީރު ދެއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ގައުމުގެ އިގްތިސާދީ އަދި މާލީ ހާލަތާއި ބެހޭ ގޮތުން އަމީރު ހަދާފައިވަނީ ހުސް ދޮގު ކަމަށެވެ.