ޖިނާއީ ކުށްތަކުގެ ޖޫރިމަނާ ނުދައްކާ މީހުން ޖަލަށް ލާން ނިންމައިފި
ދެންމެ | 06 ޖުލައި 2024

ޖިނާއީ ކުށްތަކާ ގުޅިގެން ކޯޓުން އިއްވާ ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު ހުކުމަކަށް ބަދަލުކުރަން ކޯޓުގައި އެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ޖިނާއީ މައްސަލައެއްގައި ކޯޓުން ޖޫރިމަނާގެ އަދަބެއް ކަނޑައަޅަނީ އިސްތިސްނާ ހާލަތެއްގައި ކަމަށްވާއިރު، އެގޮތަށް ޖޫރިމާނާގެ އަދަބެއް ކޯޓުން ކަނޑައަޅަނީވެސް ފައިސާ ދެއްކޭނެކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ. އެހެންކަމުން ޖޫރިމާނާގެ ފައިސާ ނުދެއްކުމަށް ދެއްކޭނެ ހުއްޖަތެއް ނޯންނާނެ ކަމަށް ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ، ގާނޫނުލްއުގޫބާތުން ދީފައިވާ އެ ލުއި ނަހަމަގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށާއި ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ ކޯޓުން އެ މީހަކަށް އެ ކުރި ކުށަށް އަދަބު ނުލިބުން ކަމަށެވެ.

އެހެންވެ ޖިނާއީ ކުށަކާ ގުޅިގެން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕީޖީ އޮފީހަށް އަންގާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ އަދަބު ކުށުގެ އަސްލީ އަދަބު ކަމަށްވާ ޖަލު އަދަބަށް ބަދަލުކުރުމަށް އެދި ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުންޝަ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!