ދިވެހީންގެ އެއާޕޯޓު އެމްޑީޕީއިން އިންޑިއާގެ ޖީއެމްއާރަށް ވިއްކާލުމުން އެއާޕޯޓު ހޯދަން ކުރި ފަދަ ޖިހާދެއް ކުރަން ނުކުންނަން ދިވެހީން ވެއްޖެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހުގެ މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހުވަނީ އެމްޑީޕިއިން ދިވެހީންގެ އެއާޕޯޓު އިންޑިއާއަށް ވިއްކާލި ވިއްކާލުން ހަނދާނަށް ގެންނަވާ މިހާރު އަނެއްކާވެސް އެފަދަ ކަމެއް ގައުމުގައި ހިނގަމުންދާކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
އެގޮތުން މާލޭ ކަނޑުގެ ބަނދަރު ބޭރުގެ ބަޔަކަށް ވިއްކާލުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އިޝާރާތް ކުރައްވާ މަލީހު ވިދާޅުވީ، ކަނޑުގެ ބަނދަރު ވިއްކާލަން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކަމަށެވެ.
އެހެންކަމުން ޖީއެމްއާރު ބޭރުކޮށް ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް ހޯދުމަށް ކުރިފަދަ ޖިހާދަކަށް ހުރިހާ ދިވެހި ރައްޔިތުން ކަމަރު ބަންނަން މަލީހުވަނީ ގޮވާލާފައެވެ. އަދި އެކަމަކީ ރައްޔިތުން ފަލަ ބޮޑު ރަތް ރޮގެއް ދަމާނެ ކަމެއްގެ ގޮތުގައި މަލީހު ފާހަގަކުރައްވާފައިވެއެވެ.