ވިންޑޯޒް ބްލެކްއައުޓްވެ ދުނިޔޭގެ އެކި ހިސާބުތަކުން ކުއްލި ހާލަތުގައި ދޭ ހިދުމަތްތަކާއި ބޭންކުތަކާއި އެއާޕޯޓްތަކާއި އެހެނިހެން ތަންތަނުގެ ކޮމްޕިއުޓަރު ސިސްޓަމްތަކުން ކުރަމުން އައި މުހިންމު މަސައްކަތްތަކަށް ބުރޫ އަރައިފިއެވެ.
ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް މި މައްސަލަ ދިމާވެފައިވާއިރު ވިންޑޯޒް މެޝިންތައް ބޫޓް ނުކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޓެކް ދާއިރާގެ ބައެއް ރިޕޯޓްތަކުން ދައްކާ ގޮތުގައި މި މައްސަލަ ދިމާވަނީ ސައިބަރ ސެކިއުރިޓީ ކުންފުނި ކްރައިޑްސްޓްރައިކްގެ ސޮފްޓްވެއާ އަށެވެ.
މި މައްސަލަ ދިމާވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެއާޕޯޓްތަކުގައި ފްލައިޓްތައް ގްރައުންޑް ކުރަމުންދާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ދަނީ ބުނަމުންނެވެ. އަދި އޮންލައިން ބޭންކިންގެ ހިދުމަތްތަކުން ކަސްޓަމަރުންނަށް ލޮގްއިން ނުވަތަ މުއާމަލާތް ކުރުމަށް ވަނީ ބުރޫ އަރާފައެވެ.
މީސް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުންތައް ފާޅުކުރަމުން ދާއިރު ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ވިންޑޯޒް ބޭނުން ކުރަމުން އަންނަ ސިސްޓަމް ތަކުން މިހާރު ފެނިގެން ދަނީ ހަމައެކަނި ނޫކައިލައިގެ ސްކްރީނެކެވެ. އާންމުކޮށް މި ސްކްރީނަށް ކިޔަނީ ”ބްލޫ ސްކްރީން އޮފް ޑެޓް“ (ބީއެސްއޯޑީ) އެވެ. އަދި މި ސްކްރީން އެރުމާ އެކީ ވިންޑޯސް އެކީ ރީސްޓާޓް ކޮށްލައެވެ. މިކަމަކީ ސޮފްޓްވެއާ ނުވަތަ ހާޑްވެއާއަށް ދިމާވާ މައްސަލައަކުން ވެސް ފެނިގެން ގޮސްދާނެ ސްކްރީނެކެވެ.