ދޮންކަބުލޯ އެވެ. ބުރުގާ ނާޅާނެ ކަމަށް ނުބުނާ ތި!
ދެންމެ | 24 ޖުލައި 2024

ޙިޖާބް އެޅުމުގެ މާނައަކީ ހަމައެކަނި މޫނުބުރުގާ އެޅުމެއް ނޫނެވެ. މޫނު ނިވާނުކުރިނަމަވެސް ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ވަރަށް ނިވާވުމަކީވެސް ހަމަ ޙިޖާބް އެޅުމެވެ.

ވީމާ އެއްވެސް ޙާލެއްގައި ޙިޖާބް އެޅުމަށް އިންކާރުނުކުރާށެވެ! އެއީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެހެނީ އެއިރުން އެ އިންކާރުކުރެވެނީ ކީރިތި ޤުރްއާނުގެ އާޔަތްތަކަށެވެ. އެއީ އެއްވެސް އިންސާނަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ!

އަންހެނުން ފޭރާންލާންވީ ގޮތް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަހީކުރައްވަވައި ބަޔާންކޮށްދެއްވަވައިފައެވެ. ވީމާ އަންނަނިވި 2 އާޔަތް ކިޔައިލާށެވެ! އެއިރުން ކަމުގެ ޙަޤީޤަތް އެނގެންދާނެއެވެ.

މުސްލިމުންނަށް އޮތީ ﷲ ތަޢާލާ ބާވައިލެއްވެވި އާޔަތްތައް ޤަބޫލުކޮށް އަމަލުކުރުމެވެ. ޢަމަލު ނުކުރެވޭނަމަ އެއީ އިންސާނާގެ ދެރަ ނިކަމެތިކަމެވެ. އާޔަތްތަކަށް އިންކާރުކުރުމަކީ އެންމެ ބޮޑުވެގެންވާ ފާފައެކެވެ. ވީމާ ވިސްނައި ޢަމަލުކުރާށެވެ!

”އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.“ (އަލްއަޙްޒާބް: 59)

”އަދި މުއްމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖްތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުޠުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އަޢުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިއަބައިމީހުން އެންމެން ﷲއަށް ތައުބާވާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ.“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!