ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުން އުފެއްދި ދަ ޑިމޮކްރެޓްސް (ޑެމްސް) ގެ ސިޔާސަތުތައް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހިންގުމުގެ ތެރެއަށް ވެއްދުމަށް، އެކަން ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން އެ ޕާޓީގެ އެތެރޭގައި މަޝްވަރާކޮށްފި އެވެ.
ޑެމްސްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން އިއްޔެ ރައީސް މުއިއްޒާ ބައްދަލުކުރެއްވި އެވެ. އޭގެ ފަހުން އެ ޕާޓީގެ ކައުންސިލް މެންބަރުން އެތެރޭގެ މަޝްވަރާއަކަށް ބައްދަލުކޮށްފައިވެ އެވެ.
މި ދެ އިވެންޓާ ގުޅޭ ގޮތުން ސުވާލުކުރުމުން، އެ ޕާޓީގެ ރައީސް ހަސަން ލަތީފް ”ދެން އޮންލައިން“ އަށް ވިދާޅުވީ ދެ ކަމެއް ރައީސަށް އެ ޕާޓީން ހުށަހަޅާފައިވާ ކަމަށެވެ. އެއީ ސަރުކާރުގެ ތެރެއަށް އެ ޕާޓީގެ ސިޔާސަތުތައް ވެއްދުމާއި، ގާނޫނު އަސާސީ އިސްލާހުކުރަން ސަރުކާރުން ކުރާ މަސައްކަތުގައި ޑެމްސްއަށް އިސް ދައުރެއް ލިބުމެވެ.
”ޕާޓީގައި އެބަހުއްޓޭ ބައިވަރު ސިޔާސަތުތަކެއް ގައުމަށް ގެންނަން ޖެހޭ ކަމަށް އަހަރުމެންނަށް ގަބޫލުކުރެވޭ، ހާއްސަކޮށް މި ވަގުތު [އިގުތިސޯދީ ތަދުމަޑުކަން]، ހާއްސަކޮށް އިގްތިސާދީ ސިޔާސަތުތައް، އެ ސިޔާސަތުތައް ތަންފީޒުކުރަން އަހަރުމެންގެ އިންޕުޓެއް ބޭނުންވަންޏާ އަހަރުމެން މި ތިބީ އެކަން ކުރަން ތައްޔާރަށޭ،“ ހަސަން ތަފްސީލްކޮށްދެއްވި އެވެ.
ޑެމްސްގެ ސިޔާސަތުތައް ވެއްދުމަށް ދެ ވިސްނުމެއް ގެންގުޅޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެއް ކަމަކީ ސަރުކާރާއި ޑެމްސް ގުޅިގެން ކޮމިޓީއެއް އުފައްދައިގެން އެ ކަން ހިންގުމެވެ. ދެވަނަ ގޮތަކީ ސަރުކާރުގެ މަގާމުތަކަށް ޑެމްސްގެ މެންބަރުންތަކެއް އައްޔަންކޮށްގެން ސިޔާސަތުތައް ތަންފީޒު ކުރުމެވެ. އެއިން ކޮންމެ ގޮތަކަށް ވެސް މަސައްކަތްކުރަން ޑެމްސް އޮތީ ތައްޔާރަށެވެ.
ސަރުކާރުގެ މަގާމަކަށް އެ ޕާޓީގެ މެންބަރުން ދިޔައަސް ދާނީ ޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން ސަރުކާރުން ތަންފީޒުކުރަން އެއްބަސްވެވޭ ސިޔާސަތުތަކެއް ތަންފީޒުކުރުމުގެ ބޭނުމާއި އެ ޝަރުތުކޮށްގެން ކަން، ހަސަން ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.
”އެ މެންބަރުންނަށް ކޮންމެހެން ވަޒީފާ ހޯދައިދޭކަށް ނޫން، މަސައްކަތް ކުރަން ވެގެން މި ބޭނުން ވަނީ، އެ ކަން ކުރުމަށް ޓަކައި ވަޒީފާއަށް ދާން ޖެހެންޏާ ދާނީއޭ، ޑިމޮކްރެޓްސްގެ ސިޔާސަތު އޭގައި ހިމަނަން ވާނޭ، ސަރުކާރާ އެކީގައި މި ވާހަކަ ދެއްކޭނީ ވެސް މި ކަމުގެ ތެރެއިން،“ ހަސަން ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ މަގާމުތަކަށްވުރެ, ބަދަލުގައި ޕާޓީން ބޭނުންވަނީ ސިޔާސަތުތައް ސަރުކާރުގެ ތެރެއަށް ގެނެސްގެން ގައުމަށް ރަނގަޅު ބަދަލުތަކެއް ގެނައުން ކަމަށެވެ. އެ ޕާޓީއަކީ ތަޖުރިބާކާރުން ގިނަ ޕާޓީއެއް ކަން ފާހަގަކުރައްވައި، ވިދާޅުވީ ސަރުކާރަށް އެ ޕާޓީގެ ތަޖުރިބާކާރުންގެ ބޭނުން ޖެހޭ ކަމަށް ދެކޭނަމަ އެ ފުރުސަތު ދިނުމަށް އެއްބަސްވެވޭނެ ކަމަށެވެ.
ޑެމްސްގެ އެތެރޭގައި މި ފަދަ މަޝްވަރާތަކެއް ކޮށްފައިމިވަނީ އެނގިފައިވާ ގޮތުން ސަރުކާރު ސިޔާސީ ވަޒީފާތައް އެ ޕާޓީގެ މެންބަރުންނަށް ހުށަހަޅާފައި ވަނިކޮށެވެ. އެ ޕާޓީ އުފެއްދުމުގައި ބައިވެރިވި އެކްޓިވިސްޓުން ކަމަށްވާ އަހުމަދު އަންވަރު (ސިމްވާ) ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިސްމަގާމެއްގައި ހުރިއިރު ޝަމްއޫނު ޖަލީލް (ލޫކަސް ޖަލީލް) މި ފަހުން ހުރީ ސަރުކާރާ އެކު އެވެ. ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފްކޮށް ޓްވީޓުވެސް ކުރެ އެވެ.
މަޖިލީސް އިންތިހާބުން ޑެމްސް އަށް ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރާ ގުޅިގެން މަސައްކަތްކުރުމާއި އިދިކޮޅު އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުން ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އެބައޮތެވެ. މިހެން އޮއްވާ ޑެމްސްއާ އެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.
އެގޮތަށް އެކަން ހިނގަން ބޭނުންވާކަން ސޯލިހުގެ ކުރީގެ އެކުވެރިޔާ އަދި ޑެމްސްގެ ބާނީ ނަޝީދުވެސް ވިދާޅުވެފައިވެ އެވެ.