އެމްޑީޕީ ސަރުކާރުން ބަދަލަށް ހަޒާނާއިން ބަހާލި ފައިސާގެ ތަފްސީލު ހޯދަނީ
ދެންމެ | 31 ޖުލައި 2024
އުވާލާފައި ހުރި އެއްބަސްވުންތަކާއި، އަދި އެ ނޫންވެސް އެކި ސަބަބުތަކާއި ގުޅިގެން ދައުލަތުން ބަދަލުގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިން ފައިސާގެ ތަފްސީލު ހޯދަން މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

އެމްޑީޕީގެ ސަރުކާރުން ގެއްލުމުގެ ބަދަލެއްގެ ގޮތުން ދޫކުރި ފައިސާގެ ތަފްސީލުތައް ހޯދުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގެވެ.

ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވައި މަމްދޫހު ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި އެމްޑީޕީން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދޫކުރި ކަމަށެވެ. އުސޫލުގެ ތެރެއިން ބަދަލު ދިން މައްސަލަތައް މީގެ ތެރޭގައި ހިމެނުނު ނަމަވެސް މަންދޫހު ވިދާޅުވީ މިހާ ބޮޑު އަދަދެއް ރައްޔިތުންގެ ފައިސާއިން ދޫކޮށްފައިވާތީ އެކަމުގެ ތަފްސީލު އެނގެން ޖެހެ އެވެ.

ސަރުކާރުގެ މެޖޯރިޓީއެއް އޮތް މަޖިލީހުގެ ތެރެއިން މި މައްސަލަ ބަލަން ފެށުމުން، ނުރުހުންފާޅުކޮށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިއީ ވަކި ބަޔަކަށް ޓާގެޓުކޮށްގެން ހުށަހެޅި މައްސަލައެއް ކަމަށެވެ. ވަކި ތާރީހަކަށް ބެލުމެއް ނެތި، ޖީއެމްއާރުގެ މައްސަލައިން ފެށިގެން އެހެން ހުރިހާ މައްސަލައެއްގައި ބަދަލު ދިނުން ކުރިޔަށް ގެންދިޔައީ އެންމެ ރަނގަޅަށް ތޯ ބެލުމަށް ގަޓު ހުރެގެން މަސައްކަތް ފެށުމަށް ޣަފޫރު ގޮވާލި އެވެ. އޭނާ ވިދާޅުވީ މި މައްސަލައިގެ ތެރޭގައި އެހެން ސަރުކާރުތައް ވެސް ހިމަނައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަދަލު ދިނީ ކިހިނެއްތޯ ވެސް ބަލަން ކެރޭހާ ހިތްވަރު ހުންނަން ޖެހޭކަމަށެވެ.

ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އެމްޑީޕީގެ ސަރުކާރުން އޭރު ލަފާ ކުރި އެވެ. އަދި ވެރިކަމަށް އަހަރެއްވިއިރު ގެއްލުމުގެ ބަދަލެއްގެ ގޮތުން ދިން ފައިސާގެ އަދަދު އެކަނި ވެސް އެއް ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި އާބިޓްރޭޝަންގައި ކުރިޔަށް ދިޔަ މައްސަލަތަކާއި، ކުންފުނިތަކާއި ހަވާލު ކުރި މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކޮށްފައި ވާތީ، ބަދަލު ހޯދަން ހުށަހެޅި މައްސަލަތައް ހިމެނެ އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް ކުންފުނިތަކުން ކޯޓަށް ހުށަހެޅި މައްސަލަތައް ކާމިޔާބުވެ، ހުކުމާއި އެއްގޮތަށް ބައެއް މައްސަލަތަކަށް ފައިސާދިން އިރު އައުޓް އޮފް ކޯޓް ސެޓަލްމަންޓް އުސޫލުން ވެސް ބައެއް ކުންފުނިތަކަށް ފައިސާ ދޫކޮށްފައި ވެއެވެ.

އެގޮތުން ބިޒްނަސް އިމޭޖު ގްރޫޕް (ބިގް) އަށް ޕީއެސްއެމުން 78 މިލިޔަން ރުފިޔާ ދޭން ކޯޓުން ހުކުމް ކުރިއިރު އޭގެ ތެރެއިން ކުރީ ސަރުކާރުން ދިން 30 މިލިއަން ރުފިޔާއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) އަށް ދެއްކި 130 މިލިއަން ރުފިޔާއަކީ މީޑިއާތަކުގެ ސަމާލުކަމަށް އޭރު އެންމެ ބޮޑަށް އައި މައްސަލަތަކެވެ.

އާބިޓްރޭޝަން މައްސަލަތަކުގެ ތެރެއިން ފާހަގަކުރެވޭ އެއް މައްސަލައަކީ ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒްއަށް ދިވެހި ސަރުކާރުން 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) ދައްކަންޖެހުނު މައްސަލަ އެވެ.

އެމްޑީޕީގެ ސަރުކާރު ނިމުނު ފަހުން ފެންމަތިވި މައްސަލަތަކުގެ ތެރޭގައި 2023 ވަނަ އަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުން އެކި ފަރާތްތަކަށް ދިނުމަށް ކަނޑައެޅިފައިވާ ވަރަށްވުރެ 263 އިންސައްތަ އިތުރަށް އެ އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ހަރަދުކުރުން ހިމެނެ އެވެ. އަދި

2022 ވަނަ އަހަރުގެ ސަރުކާރުގެ މާލީ ބަޔާނުގެ ރިޕޯޓުތައް ދައްކާ ގޮތުން ކޯޓުގައި ހިނގަމުންދާ މައްސަލަތަކާއި ގުޅިގެން އެކި ފަރާތްތަކަށް 3.83 ބިލިއަން ރުފިޔާ ދައްކަން ވަނީ ޖެހިފަ އެވެ.

ގެއްލުމުގެ ބަދަލުގެ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ރައީސް ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓަލްމަންޓް ކޮމިޓީ މިހާރު ވަނީ އުވާލާފަ އެވެ. އެ ނިންމުމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ކޮމިޓީއިން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާ ދީފައި ވަނީ ގާނޫނީ ބާރެއް ލިބިގެން ނޫންކަމަށާއި އެ މަރުހަލާތައް ކުރިޔަށް ގެންގޮސްފައި ވަނީ އުސޫލުތަކާއި ހިލާފަށްކަން ފާހަގަކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!