ރައީސް ޑރ. މުއިއްޒުގެ ވެރިކަން ވެއްޓޭކަށް ނޭދެން: ޔާމިން
ދެންމެ | 02 އޯގަސްޓް 2024

ރަައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެއްޓެން ބޭނުންނުވާ ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެެވެ.

ޕީއެންއެފް އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ވިދާޅުވީ މުޢިއްޒުގެ ސަރުކާރު ވެއްޓެން ބޭނުންފުޅުނުވާ ކަމަށެެވެ. ޔާމިން ވިދާޅުވީ ސަރުކާރު ވައްޓާލަން ކުރާ އެއްވެސް ކަމެއްގައި އެެމަނިކުފާނު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.

ޔާމިން ވިދާޅުވީ ޚިޔާލު ތަފާތުވުންތަކެއް އުފެދި މި ސަރުކާރާއި ދުރުވި ނަމަވެސް މި ސަރުކާރަކީ ޕީއެންއެފްއާއި އެމަނިކުފާނުގެ ހިއްސާ އޮތް ސަރުކާރެއް ކަމަށެވެ. ސަރުކާރާއި ދުރުވީ ކޮންމެހެން އިދިކޮޅު ޕާޓީއަކަށް ވާން ބޭނުންވާތީ ނޫން ކަމަށް ޔާމިން ވިދާޅުވިއެވެ. އަދި ސަރުކާރާއި ފެޔަށް ޖެހިވަޑައިގަތީ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދަމުންދާތީ އެކަން ހަޖަމު ނުކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ގޯސްކޮށް ހިންގާ ކަންކަން ދިފާއު ކުރާ ބައެއްގެ ގޮތުގައި ތިބެން ބޭނުންނުވާ ކަމަށް ޔާމިން ވިދާޅުވިއެވެ.

”ރައްޔިތުންގެ ކުރިމަތީގައި މިކަންކަން ދިފާއު ކުރަން އުނދަގުލީ، ރައްޔިތުން ކުރިމަތީގައި އަދި ދިފާއު ނުކުރި ނަމަވެސް ސަރުކާރުން މި ދައްކާ ވާހަކަތަކުގެ ބައިވެރިންގެ ގޮތުގައި އެކޮމްޕޮލިސްޑް ގޮތުގައި ތިބެން އަޅުގަނޑުމެންގެ ޕާޓީ ބޭނުމެއް ނުވޭ، އެހެންވެގެން އަޅުގަނޑުމެން މި ވާހަކަތައް މިދައްކަނީ، މިއަދު ވެސް ދަންނަވާލަން ބޭނުން އަޅުގަނޑު ބޭނުމެއް ނޫން ރައީސް މުޢިއްޒުގެ ސަރުކާރު ވެއްޓޭކަށެެއް، އަޅުގަނޑުމެން ބޭނުމެއް ނުވޭ ރައީސް މުޢިއްޒުގެ ސަރުކާރު ވައްޓާލަން ކުރާ ކަމެއްގައި އަޅުގަނޑުމެން ބައިވެރިއެއް ނުވާނަން.“ ރައީސް ޔާމިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!