ގާނޫނު އަސާސީން ކަށަވަރުކޮށްފައިވާ ޙިޔާލްފާޅު ކުރުމުގެ ހައްގު އުރަތްޕެއް ނެތް މީޑިޔާ ކައުންސިލަކަށް ނުހުއްޓުވޭނެ: ދެންމެ
ދެންމެ | 02 އޯގަސްޓް 2024

ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ރައްޔިތުންނަށް އިސްލާމްދީނުގެ އަސްލަކާއި ހިލާފް ނުވާ ގޮތަށް  ކަށަވަރު ކޮށްފައިވާ ޙިޔާލް ފާޅުކުރުމުގެ ހައްގު މީޑިޔާ ކައުންސިލަށް ނުހުއްޓުވޭނެ ކަމަށާއި މީޑިޔާ ކައުންސިލް އެކައުންސިލްގެ ގާނޫނީ ތަރަހައިން ބޭރުން އަމަލް ކުރަމުންދާ ކަމަށް ދެންމެ އިން ބުނެފި އެވެ.

ދެންމެ ބުލޮކް ކުރަން މީޑިޔާ ކައުންސިލުން ގާނޫނާއި ހިލާފަށް އިއްޔެ ނިންމާފައިވާ ނިންމުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދެންމެ ޗީފް އެޑިޓަރ ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާއި ހިލާފް ނުވާނެ ގޮތަށް ހިޔާލު ފާޅުކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

“ މީޑިޔާ ކައުންސިލަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސް މަޖައްލާ ރެގިއުލޭޓް ކުރަން އުފައްދާފައިވާ މުއައްސަސާއެއް. އެވެސް ވަރަށް ހަނި ގޮތަށް އެމީހުންނަށް އޮންނަ ކަމެއް. އަނެއް ކޮޅުން މީޑިޔާ ކައުންސިލުން އެބަ ބުނޭ ދެންމެ އަކީ ނޫހެއް ނޫނޭ. އެހެން ވީމަ ކޮބާ މީޑިޔާ ކައުންސިލްގެ މެންޑޭޓަކީ ދެންމެ އަށް ފިޔަވަޅު އަޅަން.“ ދެންމެގެ ޗީފް އެޑިޓަރު ވިދާޅުވި އެވެ.

ޗީފް އެޑިޓަރ ވިދާޅުވީ ގާނޫނު އަސާސީން ތަން މިނަށް ހުޅުވާލެވިފައިވާ މިނިވަން ކަމެއް އުރަތްޕެއް ނެތް މީޑިޔާ ކައުންސިލުން ހަދާ ދެ އުޅި އެއްނުވާ ގަވައިދަކުން ހުއްޓުވޭނެ ގާނޫނީ އެއްވެސް ހަމައެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

“ އާއްމް އިޖްތިމާއީ މިންގަނޑު ރެގިއުލޭޓް ކުރާ މުއައްސާސައަކީ މީޑިޔާ ކައުންސިލެއް ނޫން. މީޑިޔާ ކައުންސިލަކީ މީޑިޔާތައް ރެގިއުލޭޓް ކުރަން ހަދާފައި އޮތް ތަނެއް. އެވެސް ހުދޫދެއްގެ ތެރެއިން. އާއްމް އިޖްތިމާއި މިންގަނޑަކީ މީޑިޔާ ކައުންސިލާ ބެހޭ ވެސް ކަމެއް ނޫން“

ޗީފް ވިދާޅުވީ ހަގީގަތުގައި ވެސް މިއަދު މީޑިޔާ ކައުންސިލްގެ ރައީސާއި މެމްބަރުން ދެބަން ދިހާރަވެފައިވާ ކަމަށާއި ތަނެއް ދޮރެއް ދޮރޮ އައްޓެއް އެމީހުންނަށް ނޭނގޭ ކަމަށެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައި ވަނީ އިސްލާމްދީނު އަސްލަކާއި ހިލާފް ނުވާ ގޮތުގެ މަތިން އެމީހަކަށް ފެންނަ ހިޔާލެއް ދުލާއި ގަލަމުން އަދި އެހެންވެސް ގޮތަކަށް ފާޅުކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!