މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލިސް އަލުން އެކުލަވާލައި، އެ މަޖިލީހުގެ ގަވާއިދު އާންމުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން، މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލީހުގެ މަގުސަދުތަކުގެ ތެރޭގައި މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށް އިމާމުންނާއި މުދިމުންނަށް މަތިކޮށްފައިވާ ޒިންމާތަކަށް ރައްކާތެރިވުމަށާއި އެކަމަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރު އެޅުމާއި، މިސްކިތްތަކާއި އިމާމުންނާއި މުދިމުންގެ ކަންކަމުގައި މިނިސްޓަރަށް ބޭނުންވާ އިސްތިޝާރީ ލަފާ ދިނުން ހިމެނެ އެވެ.
މިސްކިތަކާއި ބެހޭ ގައުމީ މަޖިލިސް އެކުލަވާލަނީ އިސްލާމިކް މިނިސްޓަރެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުން ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.
ގައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޒަމަށް ރައީސް އައްޔަނުކުރައްވާ އިސް އިމާމް، މިނިސްޓްރީގެ މޮސްކް މެނޭޖެމެންޓް ސެކްޝަނުގެ އިސްވެރިޔާ، ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އިސްވެރިޔާ، ސިޓީތަކާއި ބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް، މާލެ ސިޓީ ކައުންސިލުން ކަނޑައަޅާ ފަރާތެކެވެ.
މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ކަނޑައަޅާ ފަރާތަކާއި، ހެރިޓޭޖް މިނިސްޓްރީއިން ކަނޑައަޅާ ފަރާތެއްގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން މިނިސްޓަރު އައްޔަން ކުރާ ފަރާތެއް ވެސް ހިމެނެ އެވެ.
އެ މަޖިލީހުގެ ރައީސްއަކީ މަސްޖިދުއްސުލްޡާން މުހައްމަދު ތަކުރުފާނުލް އައުޡަމަށް ރައީސް އައްޔަނުކޮށްފައި ހުންނަ އިސް އިމާމެވެ. ނައިބު ރައީސް އަކީ މިނިސްޓްރީގެ މޮސްކް މެނޭޖްމަންޓް ސެކްޝަންގެ އިސްވެރިޔާ އެވެ.
އެ މަޖިލީހަށް އައްޔަންކުރާ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި އިސްތިއުފާ ދިނުމާއި މެންބަރުގެ ދައުރު ހަމަވުމާއި ވަކިކުރުން ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަންކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.