ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރު ޗީފް އެޑްވައިޒަރުގެ ހައިސިއްޔަތުން ހިންގަވަން ޑރ މުހައްމަދު ޔޫނުސްއާއި ހަވާލުކުރަން ނިންމައިފި އެވެ.
ނޮބެލް ސުލްހައިގެ އިނާމު ހާސިލްކުރެއްވި އިކޮނޮމިސްޓް ޑރ.އިންތިގާލީ ސަރުކާރުގެ އެންމެ އިސްވެރިއަކަށް މުހައްމަދު ޔޫނުސް ހަމަޖައްސަން ނިންމަވާފައިވާކަން ރައީސްގެ ޕްރެސް ސެކްރެޓަރީ ޒައިނާލް އަބޭދީން މިހާރު ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ.
މިގޮތަށް ނިންމާފައިވަނީ ސަހާބުއްދީނާއި ތަފާތުކުރުމާ ދެކޮޅު ދަރިވަރުންގެ ހަރަކާތުގެ ކޯޑިނޭޓަރާ އެކު ބޭއްވި ބައްދަލުވުމުގައެވެ.
އަދި އިންތިގާލީ ސަރުކާރުގައި ބާކީ ތިއްބެވި ބޭފުޅުންގެ ނަންތައް ފައިނަލް ކުރާނީ އެކި ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސްޕްރެސް ސެކްރެޓަރީ ޒައިނާލް އަބޭދީން ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި އިންތިގާލީ ސަރުކާރެއް ގާއިމްކުރުމަށް މަޖުބޫރުވީ އެގައުމުގެ ބޮޑުވަޒީރުކަން މެދުކެނޑުމެއްނެތި 16 އަހަރު ކުރެއްވި ޝެއިހް ހަސީނާ އިއްޔެ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ހަސީނާ އިސްތިއުފާ ދެއްވަން މަޖުބޫރުވީ އެގައުމުގެ ދަރިވަރުން ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔަ ވަރުގަދަ މުޒަހާރަތަކާއި އެކުގައި އެވެ.
މިއާއި އެކު އިންތިގާލި ސަރުކާރެއް އެކުލަވާލުމުގައި އެންމެ ބޮޑަށް އެގައުމުގެ ރައީސް ބެއްލެވީ ދަރިވަރުންގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ދަރިވަރުންގެ ހިޔާލާއި މަޝްވަރާއަށެވެ.
އުމުރުން 84 އަހަރުގެ ޔޫނުސް ނުވަތަ މަޝްހޫރު ނަމުން ނަމަ ”ފަގީރުންނަށް ބެންކަރ“ އަކީ މައިކްރޯލެންޑިންގައި އިސްކޮށް އުޅުއްވުމަށް ފަހު، ކުދި ކުދި ލޯނުތައް ދީގެން އެތައް މިލިއަން ބަޔަކު ފަގީރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ސަބަބުން 2006 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅެކެވެލ. ބަންގްލަދޭޝްގައި ކޮރަޕްޝަންގެ ތުހުމަތުތަކާ ކުރިމަތިވެ، ހަސީނާގެ ވެރިކަމުގައި ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަވެސް، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫނުސްގެ ތަރުޖަމާނަކު ވިދާޅުވީ އިންތިގާލީ ސަރުކާރުގެ އެޑްވައިޒަރަކަށް ވުމަށް ދަރިވަރުން އެދުނު އެދުމަށް އޭނާ އިޖާބަދެއްވައި އެކަން ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.