އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އޭނާގެ ވީޑިއޯއެއް ނޫންކަން އެނގިއްޖެ އެވެ.
އަންހެނަކާއި ފިރިހެނަކު ބަދުއަހުލާގީ އަމަލެއް ހިންގާ މަންޒަރު ފެންނަ މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރީ ރޭގަ އެވެ. ދައުރުވަމުންދާ ވީޑިއޯގައި ފިރިހެން މީހާގެ މޫނުގެ ގޮތުގައި ފެންނަނީ މިނިސްޓަރު ޝަހީމުގެ މޫނެވެ. އަންހެން މީހާގެ މޫނެއް ނުފެނެ އެވެ.
މި ވީޑިއޯ އާންމުވެ ދައުރުވާން ފެށުމާއެކު ”ދެންމެ“ އިން އިތުރަށް ހޯދި ހޯދުންތަކުގައި އެނގުނު ގޮތުގައި މިއީ ޕާކިސްތާނުގެ ދެ މީހެއްގެ ވީޑިއޯއެކެވެ. އެ ވީޑިއޯގެ އަސްލު އިންޓަނެޓުގެ އެކި ސައިޓުތަކުން ފެންނަން އެބަހުއްޓެވެ.
އެހެންކަމުން ދައުރުވަމުންދަނީ ޝަހީމުގެ މޫނު ލައިގެން އެޑިޓުކޮށްފައިވާ އަސްލެއް ނެތް ވީޑިއޯއެއްކަން ވަނީ ކަށަވަރުވެފަ އެވެ. އެކްސް އެކައުންޓުން ލޮކް ކޮށްފައި ވުމުން މިކަމާ ގުޅިގެން އޭނާ ބަހެއް ބުނިކަމެއް ނޭނގެ އެވެ.
ޝަހީމަށް ނިސްބަތްކޮށް އަސްލެއް ނެތް ވީޑިއޯއެއް ދައުރުވަމުން މިދަނީ ސޯޝަލް މީޑިއާގައި އެކި ކަންކަމާ ގުޅުވާ އޭނާއަށް ފާޑުކިޔަމުންދާ ދުވަސްވަރެއްގަ އެވެ.
އެގޮތުން މިދިޔަ ހަފުތާގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލަން އިޒްރޭލުން ދިން ހަމަލާ ކުށްވެރިނުކުރުމާއި ހަނިއްޔާގެ މައްޗަށް ގައިބުގައި ކަށުނަމާދު ކުރަން އިމާމުންނަށް ނޭންގުމުން ވެސް އޭނާއަށް ފާޑުކިޔުން އަމާޒުވި އެވެ. އަދި، އޭނާގެ ޕީއެޗްޑީގެ ސައްހަކަމާމެދު ސުވާލު އުފައްދައި ވެސް ވާހަކަ ދެކެވެމުން ދެ އެވެ.
މި ދެ މައްސަލާގައި ވެސް ޝަހީމު އަދި ބައެއް ސިޔާސީ އަދި ދީނީ ފަރާތްތަކުން ދަނީ ޝަހީމުގެ ދިފާއުގައި ސޯޝަލް މީޑިއާގައި އެކި ޕޯސްޓުތައް ކުރަމުންނެވެ. ރޭ އާންމުވި ވީޑިއޯ އަކީ އަސްލެއް ނެތް އެއްޗެއް ކަމަށް ވެސް ޝަހީމުގެ އަރިސް މީހުން ބުނެފައިވެ އެވެ.