ސަރީއަތަށް ނުފޫޒު ފޯރުވި އޯޑިއޯތައް ނިކުންނާތީ ޔާމީން އުފަލުން ފޮޅިއްޖެ
ދެންމެ | 09 އޯގަސްޓް 2024

އެމަނިކުފާން ޝަރީއަތް ހައިކޯޓްގައި ހިނގަމުން ދިޔައިރު އެ ޝަރީއަތަށް ނުފޫޒު ފޯރުވި މީހުންގެ އޯޑިއޯތައް ވަރަށް އަވަހަށް އެބަ ނުކުންނަކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ޝަރީއަތް ލަސްކުރުވަން ނުފީޒު ފޯރުވި މީހުންގެ މައުލޫމާތުތައް އެނގިވަޑައިގަންނަވާކަމަށެވެ. އެގޮތުން ހައިކޯޓްގެ ފަނޑިޔާރެއް ފުރުވާލާ އަޔަނުދީ ހިފެހެއްޓީ ކޮން ބައެއްކަން އެނގޭކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނާއި ގުޅުވާ ޕީއެންސީގެ ޕޯޑިއަމްތަކުގައި ދާއްކާ ވާހަކަތައް ރައްދުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ދައްކާނެ ވާހަކަތައް ނެތީ ނޫންކަމަށާއި ނަމަވެސް މީހުންގެ ފަތިފުށް ހާމަކޮށް ވާހަކަ ދެއްކުމަކީ ތަބީއަތާއި ގުޅޭކަމެއް ނޫންކަމުން އެކަން ނުކުރަނީކަމަށެވެ. އަދި ޝަރީއަތް ލަސްކުރުވި މީހުންގެ ވަނަވަރު ހާމަކޮށް ވާހަކަ ދެއްކެން ނެތީ އެމަނިކުފާނުގެ ޝަރީއަތް އަދިވެސް ހިނގަމުންދާތީކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“ އެކަމަކު މާ ލަސްތަކެއް ނުވެ އެބަ ނިކުމޭ ކޮންމެވެސް ކަހަލަ އަޑުތަކެއް، އަޅުގަނޑުގެ މައްސަލާގައި ނުފޫޒު ފޯރުވި މީހުންނާއި ގުޅި މީހުންނާއި، އެމީހުންގެ އޯޑިއޯ ބައިޓާއެކީ. މިއީ މީގެ އުފަލަކީ.“ ޔާމީން ވިދާޅުވިއެވެ.

ޕީއެންސީގެ ވެރިން އެމަނިކުފާނަށް އިހްލާސްތެރިކަމަށް ބުނެ ދެއްކަމުން އަންނަ ވާހަކަތަކަށްވެސް ރޭ ރައީސް ޔާމީން ވަނީ ރައްދުދެއްވާފައެވެ. ޔާމީން ވިދާޅުވީ ޕީއެންސީގެ އިސްވެރިންނަކީ އިހްލާސްތެރިން ނޫންކަމަށެވެ. އެމީހުން ބޭނުންވީ އެމަނިކުފާނު ޖަލުގައި ބާއްވައިފައި ވަކި މީހަކު ރިޔާސީ ރޭހަށް ނެރެންކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

“ އެތަނުގައި އެ ތިބި މީހުންނަކީ އިހުލާސްތެރިނެތް ނޫން. އެތަނުގައި އެތިބި މީހުންނަކީ ސިޔާސީ ވަކި މަސައްކަތެއްގައި އަޅުގަނޑާއެކު އުޅުނު މީހުން. އިހުލާސްތެރި މީހުންނެއް ނޫން އެއީކީ އެއް.“ ހިތަ ހަމަ ނުޖެހުމާއި އކު ޔާމީން ވިދާޅުވިއެވެ.

ފަހަކަށް އައިސް ޕީއެންސީގެ އިސްވެރިން ދަނީ ރައީސް ޔާމީނަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެނެމް ފަހުން ބޭއްވި ޕީއެންސީ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޒިންމާ ރައީސް ޔާމިން ނަގަންޖެހޭކަމަށާއި އެއީ ވައްކަންކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ. އަދި ވެރިކަމަށް ވަޑައިގަތްއިރު އެކައުންޓްގައި އެއްލައްކަ ރުފިޔާ ހަމަނުވާއިރު ވެރިކަމުން ފޭބިއިރު މިލިއަނުން ފައިސާ ހުރިކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!