ނިކަމެތި ރެޑްމީ ފޯނެއް ވަގަށް ނެނގި މީހަކު ޖަލަށް ހުކުމް ކޮށްފި
ދެންމެ | 09 އޯގަސްޓް 2024

ރެޑްމީ ބްރޭންޑުގެ މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު 3 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ވައްކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ހުޅުމާލެ, ފްލެޓް ނަންބަރު 07-ޖީ-4 އަހުމަދު ނިޝާންގެ މައްޗަށް ހުކުމްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހެވެ.

އެ މައްސަލައަކީ ހ. ބޭނީނާގެ ދެ ވަނަ ފަންގިފިލާގައި ދިރިއުޅޭ ބަންގްލަދޭޝް, ހާސިމްގެ ރެޑްމީ ބްރޭންޑްގެ ރަތްކުލައިގެ މޯބައިލް ފޯނު ނެގި މައްސަލައެކެވެ. އަދި އެ ފޯނު ވަގަށް ނަގާފައިވަނީ ހާސިމް ދިރިއުޅޭ ކޮޓަރީގައި އޮތް ބާލީހުގެ އުރަތެރޭގައި ބާއްވާފައި އޮއްވާ މޭ 6, 2023 ވަނަ ދުވަހުގެ ހަވީރު 4:30 ހާއިރު ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކުރި ހުކުމުން އެނގެ އެވެ.

އެ ދައުވާތަކަށް ނިޝާން ފުރަތަމަ ކުރީ އިންކާރުކުރު އެވެ. އެހެންކަމުން އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައިވާއިރު ދިފާއުން ހެކި ހުށަހެޅުމުގެ ފުރުސަތު ދިން ނަމަވެސް ނިޝާން ހެކި ހުށަހަޅާފައެއް ނުވެ އެވެ.

ޝަރީއަތުގެ މަރުހަލާގައި އިފްތިތާހީ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައި ނިޝާންގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހެކި ގަރީނާ ހުށަހަޅާފައިވާއިރު އެ ފުރުސަތު ދިނުމުން ނިޝާން ދައުވާއަށް އިއުތިރާފުވި އެވެ.

އިއުތިރާފްވުމުން ހެކީންގެ ހެކިބަސް ނުގައި މައްސަލަ ނިންމުމާމެދު އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ފަރާތުން ބުނެ އެވެ.

500 ރުފިޔާއަށް ވުރެ މަދުލުގެ އަގު މަތިވާނަމަ އެއީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. އަދި އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

ދައުވާއަށް ނިޝާން އިއުތިރާފްވެފައިވާތީ އަސާސީ އަދަބުން އެއް ދަރަޖަ ދަށްކޮށް, އޭނާގެ އަދަބަކީ 3 މަހާއި 18 ދުވަސް ކަމުގައި ކަނޑައެޅި އެވެ.

އެ މައްސަލާގެ ބަންދުގައި ނިޝާން ހޭދަކުރި 15 ދުވަސް އުނި ކުރުމަށްފަހު އޭނާ ތަންފީޒުކުރަން ޖެހޭ އަދަބަކީ 3 މަހާއި 3 ދުވަސް ކަމަށް ކަނޑައަޅާ ގާޒީ އާމިނަތު އަޒްލިފާ ހުކުމްކުރި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!