ބޮޑެތި ހަރަދު ކޮށްގެން މަގުތައް ތަރައްގީ ކުރަނީ ރޭސްޖަހާކަށް ނޫން: ޝުޖާއު
ދެންމެ | 10 އޯގަސްޓް 2024

ބޮޑެތި ހަރަދުތައް ކޮށްގެން މަގުތައް ހަދަނީ ގަވާއިދާ ހިލާފަށް ރޭސްޖެހުމަށް ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބޭއްވި 100 ވަނަ ޓްރެފިކް މޮނީޓަރުން ތަމްރީނުގެ ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވީ، މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރެވޭނީ އެންމެން ވެސް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށެވެ. އެކަމަކު ބައެއް މީހުންގެ އަމަލުތަކުގެ ސަބަބުން ގަވާއިދާ އެއްގޮތަށް މަގުތައް ބޭނުންކުރާ މީހުންނަށް ވެސް ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގުތަކީގެ ސަލާމަތްތެރިކަން ކަށަވަރު ކުރެވޭނީ ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް، ވެހިކަލް ދުއްވުން ހުއްޓިގެންނެވެ.

”މި ކުދިން ބޮޑުވުމުން ޓްރެފިކް ޕޮލިހެއް ނުފެނުނަސް ގަވާއިދުތަކާ އެއްގޮތަށް ދުއްވާނެ ކަމަށް ގަބޫލުކުރެވޭ. ނަތީޖާއަކީ އެކްސިޑެންޓުތައް މަދުވެ، އަނިޔާވާ މީހުން ވަރަށް ބޮޑަށް މަދުވުން،“ ސީޕީ ޝުޖާއު ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ވެސް މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބާ ޖީލެއް ބިނާކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް އެތައް އެކްސިޑެންޓެއް ހިނގާއިރު، އެ އެކްސިޑެންޓުތަކުގައި އަނިޔާވާ މީހުންނަށް ބައެއް ފަހަރު ދިގު މުއްދަތަކަށް ބޭސްކުރަން ޖެހުމާއި ފުރާނަ ގެއްލޭ ފަހަރު ވެސް މެދުވެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!