ކައިވެނި ކުރުމަށް ދެކޮޅު ހަދާ ކައިވެނި މަޖިލީސް ދޫކޮށް އަންހެން މީހާ ހިނގައްޖެ
ދެންމެ | 11 އޯގަސްޓް 2024

ނ.މާފަރު ކޯޓުގައި ކުރިއަށް ދިޔަ ކައިވެނީގެ މަޖިލީހުގައި، ކައިވެނި ކުރުމަށް ދެކޮޅު ހަދާ އަންހެންމީހާ މަޖިލީހުގެ ތަޅުން ދޫކޮށް ހިނގައްޖެއެވެ.

މާފަރު ކޯޓުގައި މިއަދު ކުރިއަށްދިޔަ މަޖިލީހުގައި ކައިވެނި ކުރަން އުޅުން އަންހެން މީހާ އެކަމާ ދެކޮޅު ހަދާ މަޖިލީހުގެ ތަޅުން ދޫކޮށް ދިޔައީ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ. ނަމަވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ކައިވެނި ކުރަން ދެމީހުން އެއްބަސްވެގެން ހުރިހާ ކަމެއްވެސް ކޮށް ނިމިފައި ވާކަމަށާއި، އަންހެން މީހާއާއި ވަކި ދިރުއުޅުމެއް އުޅުމަށް ފިރިހެންމީހާ ބޮޑެތި ހަރަދު ތަކެއްވެސް ކޮށްފައިވާކަމަށެވެ.

އެރަށުން ވާހަކަ ދެއްކި މީހާ ބުނާ ގޮތުގައި ކައިވެނީގެ މަޖިލީސް ދޫކޮށް ނުކުތް އަންހެން މީހާ އަކީ އުމުރުން 50 އަހަރުގެ މީހެއް ކަމަށާއި، އޭނާ އިންނަން އުޅުން މީހާގެ އުމުރު އުޅެނީ 70 އަހަރުން މަތީގައި ކަމަށެވެ. އަދި އެފިރިހެން މީހާ އަކީ މި އަންހެން މީހާގެ ފުރަތަމަ ފިރިމީހާ ކަމަށްވެސް ރަށުން ވާހަކަ ދެއްކި މީހާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ އަންހެން މީހާގެ އާއިލާއިން ކައިވެންޏާއި ދެކޮޅު ކަމަށާއި، އެހެން ނަމަވެސް ދެ ހެކިން ފޮނުވައިގެން ރަން ކިޔަން ދިޔަ އިރުވެސް އަންހެން މީހާ ކައިވެނި ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ގާނޫނީ ބޭފުޅުން ބުނަމުން ދަނީ މިކަމުގެ ސަބަބުން ފިރިހެން މީހާއަށް ވީ ގެއްލުމުގެ ބަދަލު ހޯދުމަށް އޭނާއަށް ދައުވާ ކުރެވިދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!