ދިވެހިން ފަހުރުވެރިވާ ރާއްޖެއެއް ބިނާކުރުމަށް ހުރިހާ ދާއިރާއެއްގައި ޒުވާނުންގެ ހިއްސާއާއި ބައިވެރުވުން އިތުރުކުރަންޖެހޭނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ފަހުރުވެރި ރާއްޖެއެއް ބިނާ ކުރެވޭނީ ގައުމީ ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ އެއްބާރުލުމާއި ހިއްސާ އިތުރުކޮށްގެން ކަމަށެވެ.
”ދިވެހީންގެ ފަހުރުވެރި ރާއްޖެއެއް ބިނާކުރެވޭނީ ގައުމީ ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ އެއްބާރުލުމާ ހިއްސާވުން އިތުރުކޮށްގެން،,“ ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ ޒުވާނުންނާ ގުޅޭ ކަންކަން ނިންމެވުމަށްޓަކައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް ކައުންސިލެއް ވެސް އުފައްދަވަން ނިންމަވައިފައެވެ. މި ކައުންސިލަކީ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، މަޝްވަރާ ނިނމުންތައް ނިންމާއިރު ޒުވާނުން ދެކޭގޮތް ހާމަ ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން އެކުލަވާލާ ކައުންސިލެކެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހަކީ ޒުވާނުންނާ ގުޅުންހުރި އެކި ކަންކަމާގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން އދ. އިން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 12ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. ޒުވާނުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 2000 ވަނަ އަހަރުއެވެ.