ދެމަފިރިންގެ އާއްމު މައްސަލަތައް ހައްލުކުރާނެ ގޮތް!
ދެންމެ | 14 އޯގަސްޓް 2024

ކައިވެންޏެއް ދިގު ދެމިގެން ދިއުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ގިނަ ގުރުބާނީތަކެއް ވާން ޖެހެއެވެ. ތަކުލީފުތަކާވެސް ކުރިމަތިލާން ޖެހެއެވެ. ކައިވެންޏަށް ފަހު ކިތައްމެ އުފާވެރިކޮށް ދެފަރާތުން އުޅުނު ކަމުގައިވީނަމަވެސް އެކިކަހަލަ މައްސަލަތައް ޖެހުމަކީ ވެދާނެ ކަމެކެވެ. އަދި ދިމާވާ އެކިއެކި މައްސަލަތަކުގެ ސަބަބުން ކައިވެނި ރޫޅޭ ފަހަރުވެސް އާދެއެވެ. ނަމަވެސް މި ހިސާބަށް ވާސިލު ވަނީ ކައިވެނީގައި ދިމާވާ މައްސަލަތައް ހައްލު ކުރަން ނޭނގޭތީއެވެ. ނޫނީ ހައްލުކުރަން ބޭނުންނުވެ ވަކިވާން ބޭނުންވަނީއެވެ.

ދެމަފިރިއެއްގެ ދެމެދުގައި ދިމާވާ އެންމެ އާންމު އެއް މައްސަލައަކީ ރަނގަޅަށް އެކަކު އަނެކަކާ މުހާތަބު ކޮށް މުއާމަލާތު ކުރަން ނޭނގުމެވެ. ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންނަށް އެކަކު އަނެކަކާ ރަނގަޅަށް މުހާތަބުކޮށް، ވާހަކަ ދައްކަން ނޭނގޭނަމަ ކައިވެނީގައި ދިމާވާ ކުދި ކުދި ކަންކަން ބޮޑެތި މައްސަލަތަކަށް ބަދަލުވެ ހައްލުނުވާ ހިއްސާބަށްދާ ފަހަރުވެސް އާދެއެވެ. އެގޮތުން، ދިރިއުޅުމުގައި ދިމާވާ މައްސަލުތަކުގައި އެކަކު އަނެކެއްގެ އިހުސާސްތައް ރަނގަޅަށް ނޭނގުމުގެ ސަބަބުން، ދެމީހުންގެ މެދުގައި ކޯޅުންތައް ގިނަވެ، ނުރުހުން އުފެދެއެވެ. އަދި އޭގެ ސަބަބުން އެކަކު އަނެކަކާމެދު އޮންނަ ޖަޒުބާތީ ގުޅުން ހީނަރު ވެގެން ދެއެވެ. ދެމަފިރިންގެ ދެމެދުގައި މިފަދަ މައްސަލަތައް ޖެހޭ ވަރު މަދު ކުރަން ބޭނުންވާނަމަ އެކަކު އަނެކެއްގެ ވާހަަކަތައް ރަނގަޅަށް އަޑުއަހައި، އެކަކު އަނެކެއްގެ ޖަޒުބާތުތައް ދެނެގަންނަން ޖެހެއެވެ. އަދި މިހެން ކަންތައް ކޮށްގެންވެސް މުއާމަލާތު ކުރުމުގައި ދަތިތަކެއް ވާނަަމަ، ދަމަފިރިން އެކުގައި ތެރަޕީ ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކައިވެނީގައި ދެން އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ދެމީހުންވެސް އެކަކު އަނެކަކު ގަޔާވެ ޝައުގުވެރިވާ ކަންކަމަށް ކަންތައްތަކަށް ސަމާލުކަން ނުދިނުމެވެ. މިކަމުގެ ސަބަބުން ދެމަފިރިންނަށް އެކުގައި ހޭދަކުރެވޭ ވަގުތުތައް މަދުވެ، ”ޕެރެލެލް“ ދިރިއުޅުމެއް އުޅެވޭ ކަމުގެ އިހުސާސް ކުރެވިގެންދާނެއެވެ. އަދި ދެމީހުންގެ ދެމެދުގައި އޮންނަ ގާތްކަމުގެ ގުޅުން ގެއްލި ކުނުވެރިންކަން ނެތިގެންދާނެއެވެ. މިމައްސަލައަށް އޮތް ހައްލަކީ ދެމީހުންވެސް އެކަކު އަނެކެއްގެ ދިރިއުޅުމުގައި ބޮޑަށް ޝާމިލުވުމެވެ. އަދި ދެމީހުންވެސް އެއްވަރަކަށް ޝައުގުވެރިވާ ކަމެއް ހޯދައި، ކޮންމެ ހަފްތާއަކުވެސް އެކަމެއް ކުރުމަށް ވަގުތު ހުސްކުރުމެވެ. މިހެން ކަންތައް ކޮށްފިނަމަ މިފަދަ ކަންކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް މަދުވާނެއެވެ. އަދި ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވާނެއެވެ.

ސޯޝަލް މީޑިއާއާއިމެދު ދެމީހުންގެ ހިޔާލު ތަފާތު ވުމަކީވެސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުމަށް މެދުވެރިވާ ކަމެކެވެ. މިސާލަކަށް ބަލާނަމަ ބައިވެރިޔާ ސޯޝަލް މީޑިއާގައި ހިއްސާކުރާ ޕޯސްޓުތައް ކަމުނުދިޔުމާއި، ސޯޝަލް މީޑިއާގައި ހޭދަވާ ވަގުތުތައް ގިނަވުން މީ މިހާރަކަށް އައިސް ދެމަފިރިންގެ މެދުގައި އެންމެ އާއްމުކޮށް އިވޭ އެއްޝަކުވާއެވެ. މިކަމުގެ ސަބަބުން ހިޔާލު ތަފާތުވުންތައް އުފެދި، އެކަކު އަނެކަކާމެދު ހިތްހަމަނުޖެހުން އުފެދޭ ގޮތް ވެއެވެ. އަދި އެކުގައި ވަގުތު ހޭދަކުރެވޭ ވަރު މަދުވެ ބައިވެރިޔާގެ ޖަޒުބާތުތަކަށް އިހުމާލުވެ، ދެމީހުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެގެންދެއެވެ. މިފަދަ މައްސަލަތަކުން ދުރުވާން ބޭނުން ނަމަ ކައިވެނީގެ ކުރިން ދެމީހުންވެސް ސޯޝަލް މީޑިއާ ބޭނުން ކުރާ ގޮތާ މެދު ވާހަކަ ދައްކައި، ސޯޝަލް މީޑިއާ ގެންގުޅޭއިރު އުޅުން ބަހައްޓަން ޖެހޭ ގޮތާއި، ”ބައުންޑަރީ“ ތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ޖެހެއެވެ. އަދި ދެމީހުންނަށްވެސް ކޮންމެ ދުވަހަކުވެސް އެކުގައި ވަގުތު ހޭދަ ކުރެވޭނެފަދަ ގޮތަކަށް ވަކި ގަޑި ތަކެއް ކަނޑައަޅަައި، އެ ވަގުތުތަކުގައި ޓެކްނޮލޮޖީ ވަސީލަތްތައް ބޭނުން ނުކޮށް ވަގުތު ހުސްކުރަން ޖެހެއެވެ.

ކައިވެންޏެއް ދިގުދެމިގެންދާނީ ދެމަފިރިންގެވެސް ވަރަށް ބުރަ މަސައްކަތުންނެވެ. އެކަކު އަނެކަކަށް އަޅާލައި ބޭނުންވާ ވަރަށް ލޯތްބާއި ވަގުތު ދީގެންނެވެ. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލު ކުރަން އެނގިގެންނެވެ. އެހެންކަމުން މުޅި އުމުރު ދުވަހު ކައިވެނިމަތީގައި ދެމިހުންނަން ބޭނުންވާނަމަ ދެމަފިރިންގެ ދެމެދުުގައި އެންމެ އާންމުކޮށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަންތައް ހައްލު ކުރަން އެނގުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!