ސިފްލީނާ ފޯއް ވިއްކައިގެން ގަތް ލަގްޒަރީ ފްލެޓަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި
ދެންމެ | 15 އޯގަސްޓް 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވި ޒިފްލީނާ ހަސަން ފްލެޓު ބައްލަވައިގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭ ކަމަށް ތުހުމަތު ކުރާ މައްސަލާގައި ދައުވާ ކޮށްދިނުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ހުށަހަޅަން އޭސީސީން ނިންމައިފި އެވެ.

ޒިފްލީނާ ބައްލަވައިގަތީ ހުޅުމާލެ 1 ގައި އިމާރާތް ކޮށްފައިވާ އެފްޑަބްލިއު ރެޒިޑެންސްގެ ފްލެޓެކެވެ. އެ ފްލެޓް އޭނާއަށް މިލްކުކޮށްދީ، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައިވާ ގޮތުން އެއީ 3.5 މިލިއަން ރުފިޔާގެ އަގުހުރި އަދި 1،200 އަކަފޫޓްގެ ފްލެޓެކެވެ.

ފްލެޓްގެ އަގަށްވާ ފައިސާ ޒިފްލީނާގެ ފަރާތުން އެޗްޑީސީ އަށް ދައްކާފައިވާތީ އެ ފްލެޓް އޭނާ އަށް މިލްކުކޮށްދީ، ސިވިލް ކޯޓުން މައްސަލަ ނިންމައި މިދިޔަ މަހުގެ 8 ވަނަ ދުވަހު އޭނާގެ ނަމަށް އެ އެޕާޓްމަންޓް ވަނީ ބަދަލުކޮށްދީފަ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސާސް އޮންނަނީ އޭސީސީ އަށް ކަމަށް ވާތީ އެ މައްސަލަ ފުލުހުން އޭސީސީއަށް ހުށަހެޅީ މިދިޔަ ޖުލައި 14 އިގަ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ”މިހާރު“ އަށް މިރޭ ވިދާޅުވީ ޒިފްލީނާ ފްލެޓް ގަތް މައްސަލާގައި ހިންގާފައި އޮތް މުއާމަލާތް އޭސީސީން ބެލި ކަމަށެވެ.

”އޭސީސީން އެކަން ބެލުމަށް ފަހު ދައުވާ ކޮށްދިނުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅަން މި ނިންމީ،“ އޭނާ ވިދާޅުވި އެވެ.

އިތުރު އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ޒިފްލީނާ ފްލެޓް ބައްލަވައިގަތީ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނަވައިގެން ނަހަމަގޮތުގައި ކަމަށް ބުނެ އޭނާ އަށް ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

އެކަމާ ގުޅޭގޮތުން ޒިފްލީނާ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފްލެޓެއް ބައްލަވައިގަތީ މިދިޔަ ސަރުކާރުގައި މަގާމުގެ ލިބިވަޑައިގަތުމުގެ ކުރިން ކަމަށާއި އެ ތަނުގައި ދިރިއުޅުއްވާތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޒިފްލީނާ އަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ އޯގަސްޓް 19، 2019 ގަ އެވެ.

ޒިފްލީނާ ވިދާޅުވީ ސިޔާސީ މަސައްކަތުގައި އޭނާ އުޅުއްވަން ފެެއްޓެވި ފަހުން ޒާތީ ގޮތުން ދިމާކޮށް އަބުރު ކަތިލަން ކުރަމުން ގެންދާ މަސައްކަތަށް ހުއްޓުމެއް އައިސްފައި ނުވާ ކަމަށާއި އަދި ސިޔާސީ މައިދާނަށް ނުކުންނަ އަންހެނުންނާ ޒާތީ ގޮތުން ދިމާކުރުން އިތުރުވަމުންދާ ކަމެއް ކަމަށެވެ.

ޒިފްލީނާ ވަނީ ކުރީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އެމްޑީޕީގެ ބައެއް މަގާމުތައް ވެސް އަދާ ކުރައްވައިފަ އެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އޭނާ ތިނަދޫ ދެކުނު ދާއިރާ އަށް ވެސް ވާދަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!