ފިސާރި ކަނބަލުންތަކެއް ބިނާވެ ދިއުމަކީ ގައުމުގެ ނަސީބު: މެޑަމް ސާޖިދާ
ދެންމެ | 16 އޯގަސްޓް 2024

ގާލް ގައިޑް ހަރަކާތުން އަންހެން ދަރިވަރުން ބިނާވުމުގެ ފައިދާ މުޅި ގައުމަށް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގެ ކުރުނެގަލާގައި ބާއްވާ ”ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕް“ ގައި މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑް ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާ ބައްދަލުކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ ގާލް ގައިޑް ހަރަކާތުން އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ އާއިލާތަކާއި މުޖުތަމައުން ކުރާ ކަމަށެވެ. އަދި އެކަމުގެ ފައިދާ އޮތީ މުޅި ގައުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ އެކި ގައުމުތަކުން ބައިވެރިވާ ހަރަކާތެއްކަން ފާހަގަކުރައްވަމުން، ގައުމު ފުރިހަމައަށް ތަމްސީލުކޮށްދީ އަދި އެ ދަރިވަރުންނަކީ މުސްލިމުންކަމާއި ފަހުރުވެރި ދިވެހި ދަރިންކަން ކުރާ ހުރިހާކަމެއްގައި ސާބިތުކޮށްދެއްވުމަށް ފަސްޓް ލޭޑީ އެދިވަޑައިގަތެވެ.

ހޭލުންތެރިކަމާއި ހުނަރުވެރިކަމާއި ފަރުވާތެރިކަމާ އެކު ބިނާވާ ކުއްޖަކު ގައުމީ އުދަރެހުގައި ފިޔަޖަހާލާނެ ތަރިއަކަށް ވާނެ ކަމަށާއި އެ ކުއްޖަކީ ދިރިއުޅުމުގައި ވެސް ކާމިޔާބު ދަރިއަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

”ތިޔަ ކުދިންގެ ކިބައިން ތިޔަ ކުދިންގެ މައިންބަފައިންނާއި މި ގައުމު ކުރާ އުއްމީދަކީ އެއީ. މާދަމާ ހިދުމަތުގެ މައިދާނުގައި އިސްވެ ތިބުން،“ ސާޖިދާ ވިދާޅުވި އެވެ.

ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާލްގައިޑުންނާއި 32 އެޑަލްޓް ލީޑަރުން ބައިވެރިވެ އެވެ.

ރޭގެ ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ގައުމީ ދިދަ ހަވާލުކޮށްދެއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!