ތައިލެންޑްގެ ދޮން ބައްޓެއް ފަދަ ބޮޑުވަޒީރު ބައްޕައަށް ރަސްގެފާނު މައާފް ދީފި
ދެންމެ | 18 އޯގަސްޓް 2024

ތައިލެންޑްގެ ރަސްގެފާނުގެ އުފަންދުވަހުގެ މުނާސަބަތާ ގުޅުވައި، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނާވަތުރާއަށް ރަސްމީގޮތުން މައާފުދެއްވައިފިއެވެ.

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް ތައިލެންޑުގެ ރަސްގެފާނު މައާފުދެއްވާފައިވަނީ، ވެރިކަމުގައި ހުންނެވި ދުވަސްވަރު ޚިޔާނާތާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ތުހުމަތުގައި އޭނާއަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ބާތިލުކުރުމަށް ފަހުއެވެ.

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން އަށް އަހަރަށް ޖަލަށް ލާފައި ވަނީ މީގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން، 15 އަހަރު ވަންދެން އެހެން ގައުމަކަށް އަމިއްލައަށް އަރުވާލެއްވުމަށްފަހު، އެނބުރި ގައުމަށް ވަޑައިގަތުމާއެކުއެވެ. ނަމަވެސް ފަހުން އެ ހުކުމް އެއް އަހަރަށް ކުޑަ ކުރުމަށްފަހު، އުމުރާއި ސިއްހީ ހާލަތަށް ބަލައި، ޕެރޯލްގެ ދަށުން ތަކްސިން ވަނީ ދޫކޮށްލާފައެވެ.

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނާވަތުރާއަށް ޝާހީ މައާފެއް ދެއްވާފައިވަނީ އޭނާގެ އަންހެން ދަރިފުޅު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތްތާ އެއް ދުވަސް ފަހުންނެވެ.

ތަކްސިނަށް މައާފު ދެއްވިކަން ރަސްމީ ރޯޔަލް ގެޒެޓުގައި އިއުލާން ކޮށްފައިވާއިރު، އުމުރުން 75 އަހަރުގެ ބިލިއަނަރު ތަކްސިން ވެގެންދާނީ ރަސްގެފާނު މަހާ ވަޖިރަލޮންގކޯން،ގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން މައާފު ދެއްވި އެތައް ހާސް ބައެއްގެ ތެރެއިން އެކަަކަށެވެ.

ތައިލެންޑްގެ ރަސްގެފާނުގެ އުފަންދުވަހުގެ މުނާސަބަތާ ގުޅުވައިގެން, ބޮޑުވަޒީރު ތަކްސިން އާއެކު، ރަނގަޅު ސުލޫކު ގެންގުޅުނު އެތަކެއް ގައިދީންނަށް މައާފު ދެއްވާފައިވެއެވެ. ނަމަވެސް މި މައާފު ދެއްވާފައިވަނީ ހުސްވި ޖުލައި މަހުގެ ފަހުކޮޅު، ތައިލެންޑުގެ ރަސްގެފާނުގެ 72 ވަނަ އުފަންދުވަސް ފާހަގަކުރިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!