ރާއްޖެއަކީ އިލްމީ ހަބަކަށް ހެދިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިރާސާތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ އެންމެ ބޮޑު ކޮންފަރެންސް ”ތެވެލި“ގެ ހަތްވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިރާސާއަކީ ހަމައެކަނި ތައުލީމާއި ސިޔާސަތުތައް ހެދުމުގެ ބޭނުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށާއި އެއީ ގައުމަށް ފައިދާ ހުރި ސިނާއަތްތައް ކުރިއަރުވައި، ކުރިމަގުގައި ފުދުންތެރި މުޖުތަމައެއް ބިނާކުރުމަށްވެސް ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
އެގޮތުން ތިމާވެށީގެ މައްސަލަތަކާއި އާންމު ސިއްހަތު ކުރިއެރުވުމާއި ޒަމާނީ ޓެކްނޮލޮޖީގެ ނިޒާމަކަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށްވެސް ހައްލު ގެނެވެން އޮތީ، އެ ކަންކަން ދިރާސާކޮށްގެން ކަމަށާއި ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުކުރުމުގައިވެސް ދިރާސާގެ މުހިންމުކަން އިންތިހާއަށް ބޭނުންވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ދިރާސާގެ އަލީގައި މަސައްކަތްތައް ބައްޓަންކުރެވިއްޖެ ނަމަ، އިގުތިސޯދީ ގޮތުން ފުދުންތެރި ގައުމަކަށް ވުމަށް ރާއްޖެ އިން ކުރާ މަސައްކަތަށް ބޮޑެތި ހައްލުތަކެއް ލިބޭނެ ކަމަށެވެ. އަދި ދިރާސާކުރުމުގެ މަސައްކަތުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓާ އަދި ތައުލީމީ މަރުކަޒުތައް ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
”އެހެންވީމާ، އަޅުގަނޑުމެންގެ (ރާއްޖޭގެ) މުސްތަގުބަލަށް ބަލާއިރު، އަޅުގަނޑުމެންގެ ސަރަހައްދުގެ އިތުރުން މުޅި ދުނިޔޭގައިވެސް ދިރާސާކުރުމާއި އިނޮވޭޝަންގެ މައިދާނުގައި ދިވެހިރާއްޖެ އޮތްކަން ކަށަވަރުކޮށް، ތިޔަ ބޭފުޅުންގެ މަސައްކަތްތަކަށް އެއްބާރުލުން ދީ، ފުޅާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ދިވެހިރާއްޖެއަކީ ރިސާޗް އެކްސެލެންސްގެ ހަބަކަށް ހަދައި ރާއްޖެއަކީ ހިޔާލުތައް ކުރިއަރުވައި އިލްމު ހިއްސާކޮށް، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ހައްލެއް ހޯދޭނެ ތަނަކަށް ހެދިދާނެ،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ޕްރޮފެޝަނަލް ނިންމުންތަކެއް ކަމަށެވެ. އަދި ރާއްޖޭގައި ދިރާސާތައް ކުރިއަރުވަން ”ދިރާސާ ކައުންސިލެއް“ އުފައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.