ތިން މީހެއްގެ އެކައުންޓަށް 1.8 މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޖަމާކޮށް, ބޭނުންކުރި މީހަކު ކްރިމިނަލް ކޯޓުން ޖޫރިމަނާކޮށްފި އެވެ.
އެގޮތަށް ޖޫރިމަނާކޮށްފައިވަނީ އިއްޔެ އެ ކޯޓުގެ ގާޒީ އިބްރާހީމް އިހްސާން ކުރެއްވި ހުކުމުގަ އެވެ.
އެ މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ ދަށުން ހުކުމްކޮށްފައިވަނީ ހއ. މޮޅަދޫ, މިސްރާބުގެ, ހަސަން ނާހިދުގެ މައްޗަށެވެ.
އެ ތިން މީހުންގެ އެކައުންޓަކީ ހަލީމް ނަމަކަށް ކިޔާ މީހަކު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކާއި އޭނާގެ ކާފަ ދަރީގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ ދެ އެކައުންޓަކާއި ނާހިދުގެ އޭރުގެ އަންހެނުން އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ދެ އެކައުންޓެކެވެ.
އެ އެކައުންޓުތަކުން މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ޖަމާކޮށް އަމިއްލަ ބޭނުމަށް ބޭނުންށްފައިވެ އެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި ދައުވާއަށް ޖަވާބުދާރީވަމުން ނާހިދު އެކަމަށް އިއުތިރާފުވެފައިވެ އެވެ. އެހެންކަމުން އެކަމާ ގުޅިގެން ދައުލަތުން އިތުރު ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
މި ދައުވާއާ ގުޅިގެން ނާހިދުގެ މައްޗަށް ކަނޑައެޅޭ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. އަދި އެ ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް, 115,400 ރުފިޔާއިން ޖޫރިމަނާކުރުމަށް އެއްބަސްވި އެވެ.
އެ ހުކުމުގައި ބުނެފައިވަނީ އެ މައްސަލާގެ ބަންދުގައި 8 ދުވަހަށް އޭނާ ބަންދުގައި ހޭދަކުރި ކަމަށެވެ. އަދި އެ މުއްދަތު ޖަލު އަދަބުން އުނިކޮށް އޭނާ ދައްކަން ޖެހޭ ޖޫރިމަނާގެ އަދަބަކީ 113,800 ރުފިޔާ ކަމަށް ކަނޑައަޅާ ހުކުމްކޮށްފައިވެ އެވެ.
އެ ހުކުމުގައި ބުނެފައިވަނީ އެ ފައިސާ އިއްޔެއިން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ޖެހޭނެ ކަމަށެވެ.