ޖަލަށް ޑްރަގް ވެއްދި ކަމަށް ބުނާ 5 އޮފިޝަރުންނަށް ދައުވާ ކުރަން ހުށަހަޅައިފި
ދެންމެ | 23 އޯގަސްޓް 2024

ޖަލަށް ޑްރަގު ވެއްދި ކަމަށް ތުހުމަތުވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަސް މުވައްޒަފަކަށް ދައުވާ ކުރަން ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ކަރެކްޝަންސްގެ ވަޒީފާގައި ތިބެ، ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ޚިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަޙުޤީޤެއް ހިންގައި އެ އޮފީހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން 5 މީހުންގެ މައްޗަށް ތިން ދަޢުވާއެއް ކުރުމަށް 22 އޮގަސްޓު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފާ ކަމަށެވެ.

އެގޮތުން ދައުވާ ކުރީ؛

 

1) ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމް،

 

2) ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމް،

 

3) ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމް،

 

4) ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުالله އަދި

 

5) ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤް

 

އެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ތަކަކީ؛

1: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

ދަޢުވާ 2: ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 62 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ.

ދަޢުވާ 3: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 515 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!