ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަންދުކޮށްދީ ހިލޭ ކާންވެސް ދީފާނަން: ތައުފީގް
ދެންމެ | 23 ޖޫން 2022

ޤަވާއިދާޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް އިޚްލާޞްތެރިކަމާއެކު ސަރުކާރުން ކުރާނަމަ ބަންދުގަ (ފޮނުވާލެވެންދެން ޑިޓެންޝަންގަ) ބައިތިއްބާއިރު އެމީހުންނަށް ހިލޭ ކާންދޭން ތައްޔާރަށް ހުންނެވިކަމަށް ގިނަ ރެސްޓޯރަންޓްތަކެއް ހިންގެވުމުގެ އިތުރުން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭޓަރިންގގެ ޚިދުމަތް ދެއްވަމުން ގެންދަވާ ސައުތު ތައުފީޤް ވިދާޅުވެއްޖެއެވެ.

ތައުފީޤް ވިދާޅުވީ މަސައްކަތްކުރަނީ އިޚްލާޞްތެރިކަމާއިއެކު ކަމަށް ބުނުމަކުން އަދި ނުފުދޭ ކަމަށާއި އެކަން ސަރުކާރުގެ ޢަމަލުތަކުންވެސް ފެންނަންވެސް ޖެހޭނެ ކަމަށެވެ. ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ހޯދައި ފިޔަވަޅު އެޅެންޖެހޭނެ ކަމަށެވެ.

”އަޅުގަނޑު މިހުރީ އެކަމަށް މަސައްކަތްކުރާ ޓާސްކްފޯސްގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭން ތައްޔާރަށް. ސަރުކާރުން އެބަ ޤަބޫލުކުރަންޖެހޭ އެކަން އެމީހުންނަށް މިހާރުކުރެވެނީ ރަނގަޅަށް ނޫންކަން. އެތައް ހާސް ބަޔަކަށް ޤަވާއިދާއި ޚިލާފަށް މިކުޑަކުޑަ ރާއްޖޭގައި އުޅެވެނީ ނުބެލެހެއްޓޭތީކަން. އެންމެ ކުޑަމިނުން ބޮޑު މުސާރަ ހޯދަން ފިލާ މީހުން ހޯދައިވެސް ނުލެވޭކަން އެއީ މިކަމުގެ ހެއްކަކަށް ފުދޭނެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް މިބާވަތުގެ ބޮޑެތި ކަންކަމުގައި ޤައުމުގައި ތިބި ކަމުގެ ތަޖުރިބާހުރި އިސް ރަށްވެހިންގެ ލަފާ ހޯދާ. އަޅުގަނޑަކީ އަބަދުވެސް އެތައް ސަތޭކަ ބިދޭސީން ގެންގުޅޭ މީހެއް، ވީމާ ކުރިމަތިވާ މައްސަލަތައް ވަރަށް ރަނގަޅަށް އަޅުގަނޑަށް އެނގޭ.“ ތައުފީޤް ވިދާޅުވިއެވެ.

ތައުފީޤް ވިދާޅުވީ މިވެރިކަމުގެ ފުރަތަމަ 5 އަހަރު ނިމޭއިރު މިމައްސަލަ ހައްލު ނުކުރެވިއްޖެނަމަ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ސަރުކާރުން އިސްތިޢްފާ ދެއްވާނެކަމަށް ވިދާޅުވެފައި އޮތް އޮތުމަކީ މިމަސައްކަތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ.

”އަޅުގަނޑު ވަރަށް ތާއިދުކުރާ ބޭފުޅެއް އެއީ. އެއީ ވަރަށް ޤާބިލް ބޭފުޅެއް. ބަންގްލަދޭޝްގެ މީހުން ގެނައުން ވަގުތުން ހުއްޓާލިކަންވެސް އެއީ ވަރަށް ރަނގަޅަށް އެޅި ފިޔަވަޅެއް. ގެންނަވަރަކަށް ފިލަނީ. ވީމާ ފުރަތަމަ ކަމަކަށް ވެސް ކުރަންޖެހޭ ކަމަކީ ޤަވާއިދާ ޚިލާފަށް ތިބި އެންމެންގެ މައްސަލަ ޙައްލުކުރުން.“ ކަމަށްވެސް ތައުފީޤް ވިދާޅުވިއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!